އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 ތަފާތަކުން އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީން އަލުން ދެވަނަ އަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާގެ އައު ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ފަހަތުންއަރައި 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް އެ ޓީމުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޗެލްސީ އެވެ. އެ ޓީމަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އޮތީ އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.

ސިޓީން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމަށް ކުޅެމުންއަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ނުކުޅެއެވެ. މީގެއިތުރުން، އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން އެ ޓީމުގެ ޑިފެންސްލައިންގައި ކުޅެމުން އަންނަ ރުބެން ޑިއާސް ވެސް ރޭގެ މެޗު ފެށީ ބެންޗުންނެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ސިޓީ އަށް ލީޑްނަގައިދިނީ ރަހީމް ސްޓާލިން އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަރަކަށް މިނެޓުގެ ތެރޭގައި ރޮޑްރީ ވަނީ ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.

މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު، 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

މި މުބާރާތުގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި 2-1 އިން ލީޑްސް ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޕިއޭ-އެމީލް ހޮއިބިއޭ އާއި ސާޖިއޯ ރެގީލޯން އެވެ. ލީޑްސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑެނިއެލް ޖޭމްސް އެވެ.