ޒަމާން ބަދަލުވެ، "މުސްކުޅި" ގޮތްތައް ދޫކޮށް ޒަމާނީ މޮޅުގޮތްތަކުގައި އިންސާނުން މިދަނީ ހިފަމުންނެވެ. އެގޮތުން ސިނގިރޭޓު ނުވަތަ ބިޑި ބުއިމުގެ ބަދަލުގައި އީ-ސިނގިރޭޓު ބުއިން މިވަނީ ވަރަށްބޮޑަށް އާންމުވެފައެވެ. އީ-ސިނގިރޭޓުގެ އެކި ވައްތަރުތައް ހުންނަ އިރު، އޭގެ ތެރޭގައި ވޭޕާއި، މޮޑްސްއާއި، ޝީޝާއާއި، އީ-ސިގްސްއާއި އަދި އީ.އެން.ޑީ.އެސް (އެންޑްސް) ފަދަ ނަންނަމުން މަޝްހޫރު އެއްޗެހި ހުރެއެވެ. މިއިން ކޮންމެ އެއްޗަކުންވެސް ކޮށްއުޅޭ މަސައްކަތަކީ ހަމަ ސިނގިރޭޓު ބުއިމާއި އެއްފަދަ މަސައްކަތެކެވެ.

ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޅިން ދެކަމެކެވެ. އެމީހަކު ބޯ ސިނގިރޭޓެއްގައި ދުންފަތް އެކުލެވޭނަމަ އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމޭ ބުނެވޭނެއެވެ. ޒަމާނާއި އެކު ތައާރަފުވި މި އީ-ސިނގިރޭޓުގެ ބޭނުން ކުރާ ކޮންމެ މީހަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކޭ ނުބުނެވޭނެއެވެ. އެހެނީ އެ އީ-ސިނގިރޭޓުގަކުގައި އެކި އެކި "ފްލޭވަރ" ނުވަތަ ރަހަތައް ހުންނާތީއެވެ. އޭގެތެރެއިން ދުންފަތުގެ ރަހަ ނުވަތަ ފްލޭވަރ ބޭނުން ކުރުމުން ދުންފަތުގެ އިސްތިއުމާލު ކުރުމޭ ބުނެވިދާނެއެވެ. ނަމަވެސް އެނޫން އެހެން ފްލޭވަރ އެއް ބޭނުން ކުރުމަކުން އެފަދައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކޭ ނުބުނެވޭނެއެވެ.

މިފަދައިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އީ-ސިނގިރޭޓުގައި ތަފާތުތަކެއް ހުރުމާއި އެކު ދުންފަތުގެ އިސްތުއުމާލު ނުކުރާ އެތައް ބަޔަކު އީ-ސިންގިރޭޓު ބޭނުން ކުރަމުން އެބަދެއެވެ. ނަމަވެސް މިކަމުގައިވެސް ވިސްނާ ފިކުރުކޮށްލުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އީ-ސިނގިރޭޓަކީވެސް ހަށިގަނޑަށް އޭގެ ގެއްލުން ކުރުވަނިވި އެއްޗެކެވެ. އީ-ސިނގިރޭޓުގައި ދުންފަތުގެ ރަހަ ބޭނުން ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ނުރައްކާތެރިކަމެކެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ ދުންފަތުގެ އިސްތިއުމާލު ނުކޮށް އެހެނަސް އީ-ސިނގިރޭޓުގެ ބޭނުން ކުރާ ފަރާތްތަކަށް ހުރި ގެއްލުން ތަކުގެ މައްޗަށެވެ.

އީ-ސިނގިރޭޓަކީ މިފަހަކުން ތައާރަފުވެގެން އުޅޭ އެއްޗެކެވެ. އެހެންކަމުން އެއިން ލިބޭ ގެއްލުންތަކުގެ މައްޗަށް ތަފްސީލީ ނަޒަރެއްގައި ކުރެވޭ ބޮޑެތި ފުޅައި ދިރާސާތައް މިއަދުވެސް ދަނީ ކުރިއަށެވެ. ނަމަވެސް ބައެއް ދިރާސާތައް ނިމި އޭގެ ނަތީޖާތައް ވަނީ އާންމުކޮށްފައެވެ. މިއީ އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިހިނގާ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ގައި އާންމު ކޮށްފައިވާ މައުލޫމާތުތަކެކެވެ.

އެ މައުލޫމާތުތަކުގައިވާ ފަދައިން އީ-ސިނގިރޭޓުގައި ވަރަށް ގިނަ އަދަދަކަށް ނިކޮޓިން އެކުލެވެއެވެ. މިއީ ދުންފަތުގައިވެސް އެހާމެ ގިނައިން އެކުލެވޭ މާއްދާއެކެވެ. އީ-ސިނގިރޭޓުގައި ނިކޮޓިން ހިމެނެނީ އޭގައި ބޭނުން ކުރާ ނުވަތަ އަންދާ ފްލޭވަރގައެވެ. ނިކޮޓިން އަކީ ވިހައެކެވެ. ނުވަތަ ވިހަ މާއްދާއެކެވެ. އަދި ހަމައެއާއި އެކު ނިކޮޓިން އަކީ ދެވިހިފުވާ ނުވަތަ އެޑިކްޓިވް މާއްދާއެކެވެ. އީ-ސިނގިރޭޓުން ހަށިގަނޑަށް އެތެރެވާ ނިކޮޓިންގެ ސަބަބުން ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ސިކުނޑީގައި ހުންނަ ހިމަ ލޭނާރުތަކަށް އޭގެ ގެއްލުން ލިބެއެވެ. ހަމަ އެއާއި އެކު މިއީ މާބަނޑު އަންހެނާއަށާއި އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ގެއްލުން އިންތިހާއަށް ކުރާ މާއްދާއެކެވެ.

އީ-ސިނގިރޭޓުގައި ބޭނުން ކުރާ ނުވަތަ އަންދާ ފްލޭވަރގައި ވަރަށް ގިނަ އަދަދެއްގެ ކެމިކަލް ހުރެެއެވެ. އޭގެ ތެރޭގައި އެ ކެމިކަލްތައް ހޫނުވެ ދުމަށް ބަދަލުވާއިރު އޭގެ މޮލިކިއުލްތައް ނުވަތަ އެޓޮމްތައް (ޒައްރާތައް) ވަރަށް ކުދިކުދިކޮށް ހުންނަ ކެމިކަލްތައް ހިމެނެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ފުއްޕާމޭގެ "އެންމެ އެތެރެއަށް" އެ ކެމިކަލް ތަކުގެ އަސަރު ފޯރުމެވެ. މިކަމުގެ ސަބަބުން މަސްހުނިވެ ފުއްޕާމެއަށް އެދާ ކެމިކަލްތަކުގެ ނަތީޖާއަކަށް ފަސޭހަކަމާއި އެކު ފުއްޕާމޭގެ އެކި އެކި ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އޭގެތެރޭގައި ކެންސަރުވެސް ފާހަގަކުރެވެއެވެ.

އީ-ސިނގިރޭޓުގައި ބޭނުން ބައެއް ފްލޭވަރ ތަކަކީ އޭގެޒާތުގައި ވަރަށްވެސް ނިކޮޓިން ގިނަ އެއްޗެއްސެވެ. އެފަދަ އެއްޗެއް (ދިޔައިކޮށް ހުއްޓާ) އިންސާނެއްގެ ލޮލަށް ނުވަތަ މޫނުމަތީގެ ހަންގަނޑަށް ފޯރުމަކީ އޭގެ ގެއްލުން ލިބިދާނޭ ކަމެކެވެ.

މިއީ އެލިޔުމުގައި ބަޔާންކޮށްފައި ހުރި ގެއްލުން ތަކުގެ ވާހަކައެވެ. މީގެ އިތުރަށް އެ ދިރާސާގެ ލިޔުން ނިންމާލަމުން ބުނެފައިވަނީ ދުންފަތުގެއިސްތިއުމާލު ކުރުމާއި އީ-ސިނގިރޭޓު ބޭނުން ކުރުމުގައި ތަފާތުތަކެއް ވާކަމަށެވެ. އެހެނީ ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ އީ-ސިނގިރޭޓު ބޭނުން ކުރުމުން ލިބޭ ގެއްލުން ކުޑަވެދާނެ ކަމަށެވެ. ނަމަވެސް އަދިވެސް މި މައުލޫ އޮތީ ބޮޑު ބަހުސް މޭޒުމަތީގައި ކަމަށެވެ. މި ކަމާބެހޭ ގިނަ ދިރާސާތައް ކުރެވި އެއްކުރެވިގެން ނޫނީ ކަމުގެ ހަގީގަތެއް ނޭނގޭނެއެވެ.

ކޮންމެއަކަސް އީ-ސިނގިރޭޓަކީވެސް ސިއްހީގޮތުން ފައިދާހުރި ނުވަތަ ބޭނުން ކުރުން ހުއްދަ އެއްޗެކޭ ނުވަތަ ބޭނުން ކުރުމަކުން ސިއްހަތަށް ގެއްލުމެއް ނުވާނޭކަމަށް ބުނާ އެއްވެސް ދިރާސާއެއް މިހާތަނަށް ކުރެވިފައެެެއް ނެތެވެ. އެހެންކަމުން މިކަމުގައި އެންމެ ރައްކާތެރިގޮތަކީ އީ-ސިނގިރޭޓު ބޭނުންކުރުމާވެސް ދުރުވުމެވެ. އެމީހެެއްގެ ސިއްހަތަށް ބަލާނީ އެމީހަކު އަމިއްލައަށެވެ.