ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ގަދަފަދަ ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީން ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، އެ މުބާރާތުގެ ރަސްގެފާނު ކަމަށްވާ ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ ރަށުން ބޭރުގައި ޝެރިފް ޓިރާސްޕޯލް އަތުން މޮޅުވެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ނިމިދިޔަ ސީޒަނުގެ ރަނަރަޕް ސިޓީން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 2-1 އިންނެވެ. މޮލްޑޯވާގެ ޝެރިފް އަތުން ރެއާލް މޮޅުވީ 3-0 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ސިޓީ އަށް ގްރޫޕުގެ އެއްވަނަ ލިބުނީ ބާކީ އެއް މެޗު އޮއްވާ، މިހާތަނަށް ކުޅުނު ފަސް މެޗުން ހޯދީ 12 ޕޮއިންޓާއެކު އެވެ. ޕީއެސްޖީ އޮތީ އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. މި ދެ ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ލިބިފައިވާއިރު، ތިންވަނައިގައި އޮތް އާރްބީ ލީޕްޒިގާއި އެންމެ ފުލުގައި އޮތް ކްލަބް ބްރޫޖަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ސިޓީން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީވެ ނުކުޅޭއިރު، މިފަހަރުގެ ސީޒަނަށް ރެކޯޑް އަގެއްގައި ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް އާއި ސްޕެއިނުގެ އުއްމީދީ ފޯވާޑް ފެރާން ޓޮރޭޒް ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތައް އެ ޓީމުގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ފަހު ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޕީއެސްޖީންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ.

ޕީއެސްޖީއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިިން. --ފޮޓޯ: ޓުވިޓާ

ސިޓީ އަށް އެއްވަރުކޮށްދިނީ 63 ވަނަ މިނެޓުގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ދިން ބޯޅައަކުން ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ސިޓީ މޮޅުވި ލަނޑުޖަހައިދިނީ ޖެސޫސް އެވެ. އޭނާ މި ލަނޑުޖެހީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދިން ރީތި ޕާހަކުންނެވެ.

ޝެރިފްގެ ދަނޑުގައި ރޭ ރެއާލުން ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެކުރީން އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. ރެއާލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސް އެވެ. މިއީ ބްރެޒިލްގެ އުއްމީދީ ވިންގާ ރޮޑްރީގޯ ދިން ބޯޅައަކުން ގޯލާއި ވަރަށް ކައިރިން ކްރޫސް ކާމިޔާބުކުރި ގޯލެކެވެ.

ރެއާލްގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ފާލަންޑް މެންޑީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ޖެހި ފަސްވަނަ ގޯލެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އިޓަލީގެ އިންޓަ މިލާންގެ ދަނޑުގައި 2-0 އިން ޝަހުތަރު ޑޮނެސްކް ބަލިކޮށް އެ ޓީމުން ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އިންޓަގެ ދެލަނޑުވެސް ޖެހީ ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ އެވެ. މި ދެ ގޯލާއެކު ޔޫރަޕްގެ މުބާރާތްތަކުގައި ޖެކޯ ޖެހި ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ.

އެތުލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށްފަހު އޭސީ މިލާނުގެ ޖުނިއާ މެސިއާސް އުފާފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔޫރަޕްގައި ކުޅޭ އިނގިރޭސި ގަދަބާރު ކަމަށްވާ ލިވަޕޫލުން ވަނީ 2-0 އިން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ހޯދީ 15 ޕޮއިންޓާއެކު ގްރޫޕު ބީ ގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ތިއާގޯ އަލްކަންތާރާ އާއި މުހައްމަދު ސަލާހު އެވެ.

މި މުބާރާތުގައި ރޭ އިޓަލީގެ އޭސީ މިލާނުން ވަނީ ރަށުން ބޭރުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު އާކޮށްފައެވެ. މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މިލަނޑުޖަހައިދިނީ ޖޫނިއާ މެސިއަސް އެވެ. އޭނާ މިލަނޑުޖެހީ އެ ޓީމުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 3-1 އިން ބަލިވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުޞަތު ގެއްލުނުއިރު، ހޮލެންޑްގެ ގަދަބާރު އަޔެކްސް އެމްސްޓެޑަމް ވަނީ ބެސިކްޓާސްގެ ދަނޑުގައި 2-1 އިން ހޯދީ މޮޅާއެކު ގްރޫޕް ސީ ގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ.

މިހާތަނަށްއައިއިރު މި މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދީ ޓީމުތަކަކީ ލިވަޕޫލް، ބަޔާން މިއުނިކް، އަޔެކްސް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޕީއެސްޖީ، ސްޕޯޓިން ލިޒްބަން އާއި ރެއާލް މެޑްރިޑްގެ އިތުރުން އިންޓަ މިލާނާއި ޗެލްސީ އަދި ޔުވެންޓަސް އެވެ.