ޔުރޮޕާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، ޔުއެފާ ކޮންފަރެންސް ލީގުގައި އައު ކޯޗު އެންޓޯނިއޯ ކޮންޓޭ އާއެކު ނިކުތް ފުރަތަމަ މެޗުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

އޮސްޓްރިއާގެ ރެޕިޑް ވިއޭނާގެ ދަނޑުގައި 2-0 އިން ވެސްޓް ހޭމް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ޕޮލެންޑްގެ ލެހިއާ ވޯސޯ އަތުން ލެސްޓާ މޮޅުވީ 3-1 އިންނެވެ. ސްލޮވީނިއާ ލީގުގެ ފަސްވަނައިގައި އޮތް އެންއެސް މޫރާ އަތުން ޓޮޓެންހަމް ބަލިވީ 2-1 އިންނެވެ.

ފުރަތަމަ ހާފުގެ ފަހު ބައިގައި ވެސްޓް ހޭމުން ޖެހި ދެލަނޑާއެކު ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 39 ވަނަ މިނެޓުގައި ޔޫކްރޭންގެ ފޯވާޑް އެންޑީ ޔާމޮލެންކޯ ކާމިޔާބުކުރީ ނިކޮލާ ވްލަސިޗް ނަގައިދިން ހުރަހަކުންނެވެ. އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ވެސްޓް ހޭމްގެ ދެވަނަ ލަނޑުޖެހީ ކެޕްޓަން މާކް ނޯބަލް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޔާމޮލެންކޯ އަށް ރެޕިޑް ވިއޭނާގެ މެކްސްމިލިއަން ހޮފްމަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ޕެޓްސަން ޑާކާ ވައްދާލި ލަނޑުން ލެސްޓާ ލީޑްނަގާފައިވަނިކޮށް، އޭގެ 10 މިނެޓުފަހުން ޖޭމްސް މެޑިސަން ކާމިޔާބުކުރި ހިތްގައިމު ގޯލުން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ވެސްޓް ހޭމުން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ލެހިއާ އިން ޖެހި ހަމައެކަނި ލަނޑު، 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިލިޕް މިލަޑެނޯވިޗް އެވެ. މި ހާފު ނިމުމުގެކުރީން، ވިލްފްރެޑް އެންޑީޑީ ވަނީ އިތުރު ގޯލެއްޖަހައި ލެސްޓާގެ ދެލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ.

މި މެޗަށް ނިކުތްއިރު ލެސްޓާ އޮތީ ގްރޫޕު ސީ ގެ އެންމެ ފުލުގައެވެ. އެކަމަކު، ރޭގެ މެޗުން ހޯދީ މޮޅާއެކު ލެސްޓާ ވަނީ ނޮކްއައުޓް ބުރުން ޖާގަ ހޯދުމާ ގާތަށް ޖެހިލާފައެވެ. އެރ ޓީމު ކުޅުނު ފަސް މެޗުން ހޯދީ 9 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސްޕާޓަކް މޮސްކޯ އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ހެޑް-ޓު-ހެޑް ރެކޯޑުން ތިންވަނައިގައި ނަޕޯލީ އޮތްއިރު، އެންމެ ފުލުގައި އޮތް ލެހިއާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ސްލޮވީނިއާގެ މޫރާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ޓޮމީ ހޯވާޓް ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، 31 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ރަޔާން ސެސެންޔޯން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. އެކަމަކު، މެޗުގެ 72 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ޓޮޓެންހަމަށް އެއްވަރުކޮށްދީފައެވެ. އިތުރުވަގުތުގައި މޫރާ މޮޅުވި ލަނޑުޖެހީ އަމަޑޭއީ މަރޯސާ އެވެ.

ސެލްޓިކް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާ ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ރޭގެ މެޗުން ބަލިވުމާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮންފަރެންސް ލީގުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދުމަށް ޓޮޓެންހަމުން ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުމެއް އައިސްފައެވެ. ހުރިހާ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، މި ގްރޫޕުގެ އެއްވަނައިގައި އޮތް ރެނެސް އަށް 11 ޕޮއިންޓް ލިބިފައިވެއެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ޓޮޓެންހަމް އޮތްއިރު، ތިންވަނައިގައި އޮތް ވިޓޭސޭ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. މި ގްރޫޕުގެ އެންމެ ފުލުގައި މޫރާ އޮތީ 3 ޕޮއިންޓާއެކު އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން އަތުން 3-2 އިން ބަލިވުމާއެކު ސްކޮޓްލެންޑްގެ ގަދަބާރު ސެލްޓިކަށް ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުން ޖާގަ ވަނީ ގެއްލިފައެވެ. ރޭގެ ނަތީޖާއާއެކު އެ ޓީމު އޮތީ ގްރޫޕް ޖީގެ ތިންވަނައިގައެވެ. މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ލެވަކޫސަން އަށް 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ސެލްޓިކް ތިންވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮތް ފެރެންޝްވަރޯސް އަށް އަދި ޕޮއިންޓެއްނުލިބެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވާން އުޅޭ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރަޝިޔާގެ ކްލަބު ލޮކޮމޯޓިވް މޮސްކޯ ވަނީ 3-0 އިން އިޓަލީގެ ލާޒިއޯ އަތުން ބަލިވެފައެވެ. ތުރުކީގެ ގަލަތަސާރޭ އަތުން 4-2 އިން އޮލިމްޕިކް މާސޭ ބަލިވިއިރު، ރޭންޖާސް ވަނީ 2-0 އިން ސްޕާޓާ ޕްރާގް ބަލިކޮށްފައެވެ. މޮނާކޯ އަތުން 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިވިއިރު، ލިޔޯނުން ވަނީ 3-1 އިން ބްރޯންޑްބީ ބަލިކޮށްފައެވެ.