ނޭވައިހިއްލުމަކީ ބައެއް މީހުންނަށް ދިމާވާ ވަރަށް އާންމުކަމެކެވެ. މިއީ އެކަން ދިމާވާ މީހުންނަށް ވަރަށްވެސް ބޮޑު ވޭނެއް ކުރިމަތިކުރުވާ ކަމެކެވެ. މިއީ އިންސާނާގެ ނޭވާލާ ހޮޅި ކުއްލިގޮތަކަށް ދުޅަވެ، ނޭވާލާ ހޮޅީގެ ޖާގަ ކުޑަކުރުވާ ކަމެކެވެ. އެއާއި އެކު ނޭވާލާން އުނދަގޫވުމާއި އެކު ފުއްޕާމެޔަށް ކުރާ ބާރު ބޮޑުވެ މެޔަށް ތަދުވުން ކުރިމަތި ކުރުވާނޭ ކަމެކެވެ. މިއީ ހަގީގަތުގައި އުފުލަން އުނދަގޫ ވޭންހުރި ތަކުލީފެކެވެ.
މިފަދަ ބައެއް ހާލަތުގައި ޑަކްޓަރެއްގެ އެހީ ލަސްނުކޮށް ހޯދުން މަޖުބޫރުވާ ހާލަތްތައްވެސް ކުރިމަތިވެއެވެ. އަދި އަނެއްބައި ހާލަތުގައި އިންހޭލާ ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް ޑަކްޓަރެއްގެ އަވަސްކަމާއިއެކު ނުވަތަ އިންހޭލާއެއް ފަސޭހަކަމާއިއެކު ލިބެން ނެތް ހާލަތެއްނަމަ، މާނައަކީ ސިއްހީ އެހިތެރިކަން ފޯރުކޮށްދޭނޭ އެއްވެސް ވަސީލަތެއް ނެތްނަމަ އަމަލުކުރަންވީ ގޮތްވެސް އެނގިފައި ތިބުން މުހިންމެވެ. އެސަބަބަށްޓަކައި އެފަދަ ހާލަތެއްގައި ނޭވާ ހިއްލާނަމަ އަމިއްލައަށް ކުރެވިދާނޭ ބައެއް މުހިންމު ކަންކަމުގެ މައްޗަށް މި ލިޔުމުގައި ބަލައިލާނަމެވެ.
އެގޮތުން އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އެންމެ އިސްކަމެއް ދީގެން ކުރުން ރަނގަޅު އެއްކަމަކީ ހަށިގަނޑު ސީދަލަށްހުރެ ތަނެއްގައި އިށީނދެލުމެވެ. ނޭވައި ހިއްލާނަމަ ކޮޅަށް ހުރުން ނުވަތަ އޮށޯވެ އޮތުން އެއީ އެންމެ އެދެވޭގޮތަށް ނުވެދާނެއެވެ. ހަށިގަނޑު ސީދަލަށް އިށީނދެ އިނުމުން ފުއްޕާމޭގެ ޖާގަ އޭގެ އެންމެ ބޮޑުމިނުގައި ހުޅުވިގެން ދާނެއެވެ. އެއާއި އެކު ނޭވާލާހޮޅިވެސް ސީދާވެގެން ދާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ނޭވާ ލުމުގައި ހުރި އުނދަގޫތައް ހިސާބަކަށް ފިލައިގެން ދިއުމެވެ.
ނޭވާ ހިއްލުމަކީ މީހާ ވަރަށްބޮޑަށް ހާސްކޮށް ނުތަނަވަސް ކުރުވާ ކަމެކެވެ. ނަމަވެސް ވީ ވަރަކުން ހާސްކަމާއި ނުތަނަވަސްކަމުން ދުރުވެ، ވީހާވެސް ބޮޑަކަށް ހަމަޖެހެވޭތޯ ބަލާށެވެ. މާ މީހުން ގިނަ ތަނެއްގައި ހުރެވިއްޖެ ނަމަ އެމީހުންނާ ތަންކޮޅެެއް ދުރުގައި އެހީތެރިއަކާއި އެކު އިށީނދެލައިގެން އިނދެވިދާނެއެވެ. ނުވަތަ މާއަވަދި ނެތި ކަމެއް ކުރަމުން ދިޔަނަމަ އެކަމެެއް އެދުވަހަކަށް ހުއްޓާލުމަށްފަހު އެކަމެއްގެ މަތިން ހަނދާންނައްތާލެވޭތޯ ބަލާށެވެ. އަދި ހިތްހަމަ ޖެހުމާއި އުފާވެރިކަން ވެރިކުރުވާނޭ ކޮންމެވެސް ކަމެއްގައި މަޑުމަޑުން ޝާމިލުވާށެވެ. މިސާލަކަށް ބައެއްމީހުންނަށް ގެއިން ބޭރަށް ނުކުމެލާ އުޑާއި ގަސްތަކާއި މޫދު ފެނިލުމުން ހިތްހަމަ ޖެހޭފަދައިން އެފަދަ ކަމެއްވެސް ކޮށްލެވިދާނެއެވެ. ނޭވާ ހިއްލަމުންދާ މީހާގެ ގާތުގައި އެއްފަހަރާ މާގިނަ ސުވާލު ކުރުމަކީ އެހީތެރިން އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެހެން އަހަންޖެހޭ ސުވާލެއްނަމަ އަހަން ވާނެއެވެ. އެެއްފަހަރާ މާ ގިނަ ސުވާލު އެހާލަތުގައި ކުރިމަތިވުމަކީ އޭނާގެ ހާސްކަން އިތުރަށް ބޮޑުވެދާނޭ ކަމެކެވެ.
ނޭވާ ހިއްލާނަމަ ރީއްޗަށް، ރަނގަޅަށް ނޭވާލެވުމަކީ ވަރަށް އުނދަގޫކަމެކެވެ. ނަމަވެސް ހިތްވަރުކޮށްފައި ލެވޭ ނޭވާ އެއްހަމައެއްގައި ހިފަހައްޓަން މަސައްކަތް ކުރާނަމަ ފުއްޕާމެއަށް ކުރާ ބާރު ކުޑަވާނެއެވެ. އެހެންކަމުން ލަސްލަހުން ފުންކޮށް ނޭވާލެވޭތޯ ބަލަން ވާނެއެވެ.
ނޭވާ ހިއްލުމަށް މެދުވެރިވީ ކޮން ސަބަބެއްތޯ ދެނެގަނެ އެ ސަބަބަކާއި ދުރުވުން ވަރަށްވެސް މުހިންމެވެ. އެކި މީހުން އެކި އެއްޗެއްސަށް އެލާޖިކުވާފަދައިން އެކި ކަންކަމުގެ ސަބަބުން ނުވަތަ އެކި އެއްޗެހީގެ ސަބަބުން ނޭވައި ހިއްލުން ކުރިމަތިވެދާނެއެވެ. އޭގެތެރެއިން ބައެއްކަހަލަ ކުނޑިއާއި ކެމިކަލާއި ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރުވާ ފަދަ ކަސްރަތުވެސް ހިމެނެއެވެ. މިފަދަ ކަމަކުން ނުވަތަ އެއްޗަކުން ނޭވާ ހިއްލުން ކުރިމަތިވިނަމަ އެކަމަކުން ނުވަތަ އެ އެއްޗަކުން ވީހާވެސް އަވަހަކަށް ދުރުވުން މުހިންމެވެ.
ސިއްހީ އެއްވެސް އެހީތެރިކަމެއް ލިބެންނެތް މިފަދަ ހާލަތްތަކުގައި މި ދެންނެވުނު ކަންކަމަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ސިއްޙީ އެހީތެރިއަކާއި ހަމައަށް ބަލިމީހާ ނުވަތަ ނޭވައި ހިއްލާމީހާ ގެންދިއުމަކީ މިކަމުގައި އެންމެ ރަނގަޅު ގޮތެވެ. ޑަކްޓަރެއްގެ ގާތަށް ދެވުމުގެ ކުރިން ނުވަތަ އިންހޭލާއެއް ލިބުމުގެ ކުރިން މި ދެންނެވި ކަންކަމަށް ސަމާލުކަންދީ އެ ފިޔަވަޅުތައް އަޅައިފިނަމަ، މާތް ﷲ ގެ އިރާދަފުޅާއި އެކު ބޮޑުތަނުން ލުއިވެގެން ހިނގައިދާނެއެވެ.
