އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޕްލޭއޮފްގެ ގުރުއަތުލުން ނެގިއިރު، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އިޓަލީއާ ޕޯޗުގަލް އެއް ފަޅިއެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ޔޫރަޕްގެ މިފަހަރުގެ ކޮލިފައިން ޕްލޭއޮފްގައި ވާދަކުރާ 12 ޓީމެއްގެ މެދުގައި މިރޭ ބޭއްވި ގުރުއަތުލުމުގައި ލައްވާލި ގޮތުން އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި އިޓަލީ އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޕޯޗުގަލް ކުރެން އަންނަ އަހަރުގެ ވޯލްޑްކަޕުން ފެންނާނީ އެއް ޓީމެކެވެ.

އިޓަލީ އާއި ޕޯޗުގަލް ހިމެނޭ ޔޫރަޕިއަން ޕްލޭއޮފްގެ ޕާތު ސީ ގައި ދެން އޮތީ ނޯތު މެސެޑޯނިއާ އާއި ތުރުކީ އެވެ. އެންމެ ފުރަތަމަ ކުޅެވޭ ޕްލޭއޮފް ސެމީ ފައިނަލްގައި އިޓަލީގެ ދަނޑުގައި ނޯތު މެސެޑޯނިއާއާ ދެކޮޅަށް އެ ޓީމު ނިކުންނައިރު، ދެވަނަ ސެމީގައި ޕޯޗުގަލް ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެހެންކަމުން، މި ފަޅި(ޕާތު ސީ) އިން އަންނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވާނެ ކަމަށް ބެލެވެނީ ޕޯޗުގަލްއާ ދެކޮޅަށް އިޓަލީ ވާދަކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ޕާތު އޭ ގައި ހިމެނެނީ ސްކޮޓްލެންޑާއި، ވޭލްސްގެ އިތުރުން ޔޫކްރޭން އަދި އޮސްޓްރިއާ އެވެ. ވޭލްސް ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ސްކޮޓްލެންޑް ބައްދަލުކުރާނީ ޔޫކްރޭންއާ އެވެ. މި ދެ މެޗުން މޮޅުވާ ޓީމުތަކުގެ މެދުގައި ކުޅެވޭ ފައިނަލް މެޗު ކާމިޔާބުކުރާ ޓީމަކަށް އަންނަ އަހަރުގެ ވޯލްޑްކަޕުން ފުރުޞަތު ލިބޭނެއެވެ.

ޕާތު ބީ ގައި ހިމެނޭ ރަޝިޔާއާ ދެކޮޅަށް ޕޮލެންޑް ނިކުންނައިރު، ސްވިޑެން ނިކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ. އަންނަ އަހަރުގެ ފީފާ ވޯލްޑްކަޕުން ފުރުޞަތު ލިބޭނީ މި ދެ މެޗަށްފަހު ކުޅެވޭ ފައިނަލުން މޮޅުވާ ޓީމަކަށެވެ. މިއާއެކު، ޔޫރަޕްގެ ޓީމުތަކުގައި ކުޅެވޭ ޕްލޭއޮފް މެޗުތަކަށްފަހު އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން ޖާގަ ލިބޭނީ ތިން ޓީމަކަށެވެ. މިފަހަރުގެ ކޮލިފައިން ޕްލޭއޮފްގައި ޔޫރަޕުން ވާދަކުރާ 12 ޓީމުގެ މެދުގައި ކުޅޭ މެޗުތައް އޮންނާނީ އަންނަ އަހަރުގެ މާރިޗް 24 އިން 29 ގެ ނިޔަލަށެވެ.

މިހާތަނަށްއައިއިރު އަންނަ އަހަރުގެ ވޯލްޑްކަޕުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް އޮޓަމެޓިކް ޖާގައެއް ލިބިފައިވާއިރު، އިތުރު 12 ގައުމަކުން ވަނީ އެ މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ ވޯލްޑްކަޕްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްގެ އިތުރުން ވާދަވެރި އާޖެންޓީނާ އާއި ޔޫރަޕަށް ނިސްބަތްވާ ޖަރުމަނާއި، ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް، ސްވިޒަލެންޑް އަދި ނެދަލެންޑްސް އެވެ.