އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ދެވަނަ އަށް ޖެހިލިއިރު، ތާވަލްގެ އެންމެ ފުލުގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ވަނީ މޮޅުވެފައެވެ.
ލިވަޕޫލްގެ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުތެމްޓަން އަތުން އެ ޓީމު މޮޅުވިއިރު، އާސެނަލުން އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 2-0 އިންނެވެ.
މިރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޗެލްސީ އެވެ. އެ ޓީމަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް އޮތީ 13 މެޗުން ހޯދީ 28 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެއް މެޗު އިތުރަށް ކުޅެގެން ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފަސްވަނައިގައި އޮތީ އާސެނަލެވެ.
އެންފީލްޑްގައި މިރޭ ކުޅުނު މެޗު ފަށައިގެން 97 ވަރަކަށް ސިކުންތުގެ ތެރޭގައި ލިވަޕޫލަށް ލީޑްނަގައިދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން ޔޮޓާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ޔޮޓާ އެވެ. މިއީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން ޔޮޓާ ޖެހި ގޯލެކެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން ތިއާގޯ އަލްކަންތާރާ ވަނީ އިތުރު ގޯލެއްޖަހައި ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.
މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ވެން ޑައިކް މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނެގި ކޯނަރަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑްނަގައިދޭން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް ބޮލުން ފޮނުވާލުމުން ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޮބާމަޔަން އަށް ލިބުމުން ފޮނުވާލި ބޯޯޅަ ދިޔައީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި އާސެނަލަށް ލީޑްނަގައިދިނީ ބުކާޔޯ ސަކާ އެވެ. މިއީ އެ ޓީމުގެ ޕޯޗުގީޒް ފުލްބެކް ނޫނޯ ޓަވަރޭސް ދިން ޕާހަކުން ސަކާ ކާމިޔާބުކުރި ރީތި ގޯލެކެވެ. ސަކާ މި ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. މި މެޗުގައި އާސެނަލުން ޖެހި ދެވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަކާގެ ބަދަލުގައި ކުޅެން ނިކުތް ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެއްލީ އެވެ. މާޓިނެއްލީ މި ލަނޑުޖެހީ ކުޅެން އެރިތާ ދެ މިނެޓު ވެސް ނުވަނީސް ޖަޕާނުގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްޓީވެން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަދި ލީގުގެ ފުލުން ދެވަނައިގައި އޮތް ނޯވިޗް ސިޓީގެ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
