ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ނޭމާއަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ ސީޒަން ނިންމާލުމަށްފަހު ލިބުނު ޗުއްޓީގައި ސްޕެއިންގެ އިބިޒާއަށް ގޮސް އައިފަހުންނެވެ. މިދަތުރުގެ ފަހުން ޓީމްގެ 3 ކުޅުންތެރިއަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓީމުން ހާމަކުރިއެވެ. ނޭމާގެ އިތުރަށް ކޮވިޑް-19 ޖެހުނު ދެ ކުޅުން ތެރިންގެ ނަން ޓީމުން ހާމައެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި އިތުރަށް ޓީމުން ޕޮޒިޓިވް ވީ 32 އަހަރުގެ އެންޖަލް ޑި މަރިޔާ އަދި 26 އަހަރުގެ ލިއަންދްރޯ ޕަރޭޑްސް އެވެ.

23 އޮގަސްޓްގައި ބަޔާން އަތުން ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވުމަށްފަހު 3 ކުޅުންތެރިން އެކުގައި ހޭދަކުރީ އިބިޒާގައެވެ. 3 ކުޅުންތެރިން ޕޮޒިޓިވް ވުމާއި ގުޅިގެން ޓީމުގެ އިތުރު ކުޅުންތެރިންނާ އޮފިޝަލުން ޓެސްޓް ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިހާރު މި 3 މީހުންވެސް ތިބީ ކަރަންޓީނުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ޕޮގްބާ އަދި ޓޮޓެންހަމްގެ މިޑްފީލްޑަރ ޓެންގުއޭ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ޕްރިމިއަރ ލީގުގެ ތެރެއިން ޓްރޭނިންގ އަށް ނިކުތް 12 ޓީމުގެ 14 ކުޅުންތެރިއަކު މިހާތަނަށް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އާ ޕްރިމިއަރ ލީގު ފެށުމަށް ތާވަލު ކުރެވިފައިވަނީ 12 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުއެވެ.