އިޓާލިއަން ސެރިއޭގައި ރޭ ރަށުން ބޭރުގައި ވެނެޒިއާ އަތުން 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން މޮޅުވިއިރު، އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 1-0 އިން ޔުވެންޓަސް ބަލިވެއްޖެއެވެ.
މިއީ 1989 ވަނަ އަހަރުގެ ފަހުން ޔުވެންޓަސްގެ ދަނޑުގައި އެ ޓީމު އަތުން އެޓަލާންޓާ މޮޅުވި ފުރަތަމަ ފަހަރެވެ. އެ މެޗުގައި އެޓަލާންޓާ މޮޅުވި ލަނޑުޖަހައިދިނީ އާޖެންޓީނާގެ ކްލައުޑިއޯ ކަނީޖިއާ އެވެ. މީގެއިތުރުން، މިއީ ޔުވެންޓަސްގެ ތާރީޚުގައި އެ ކްލަބުގެ ދަނޑުގައި ލީގުގައި އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ތިންވަނަ ފަހަރެވެ.
ރޭގެ މެޗުތަކަށްފަހު ނަޕޯލީ އެއްވަނައިގައި އުޅެނީ 13 މެޗުން ހޯދީ 32 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް ވެސް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އޮތީ 28 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 28 ވަނަ މިނެޓުގައި އެޓަލާންޓާ އަށް ކާމިޔާބުކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ އަލްބޭނިއާގެ ޑިފެންޑަރު ބެރަޓް ޖިމްސީޓީ ދިން ބޯޅައަކުން ޒަޕާޓާ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ޔުވެންޓަސް އަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން ޕައޮލޯ ޑިބާލާ ފޮނުވާލި ބޯޅަ އެޓަލާންޓާގެ ކީޕަރު ހުއާން މުސޯ މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ޔުވެންޓަސްގެ މިޑްފީލްޑަރުން ކަމަށްވާ ވެސްޓަން މެކިނީ އާއި އެޑްރިއެން ރަބިއޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް އެޓަލާންޓާގެ ކީޕަރު މުސޯ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޔުވެންޓަސް އަށް ލިބުނު ހިލޭޖެހުމަކުން ޑިބާލާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. މި މެޗުން ބަލިވުމާއެކު ޔުވެންޓަސް ވަނީ ތާވަލްގެ 8 ވަނަ އަށް ވެއްޓިފައެވެ. މިހާތަނަށް ކުޅުނު 14 މެޗުން އެ ޓީމަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.
ވެނެޒިއާގެ ޕިއެރް ލުއިޖީ ޕެންޒޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން އިންޓަ އިން ޑޮމިނޭޓްކޮށްފައިވާއިރު، އެ ޓީމުން ލީޑްނެގީ 34 ވަނަ މިނެޓުގައި ތުރުކީގެ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ ކާމިޔާބުކުރި ގޯލުންނެވެ.
މި މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އިންޓަގެ ދެވަނަ ލަނޑުޖެހީ ލޮޓާރޯ މާޓިނޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވެނެޒިއާގެ ކުޅުންތެރިއަކުގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހުގައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާ އަތުން 3-1 އިން ސަމްޕްޑޯރިއާ މޮޅުވިއިރު، ރަށުން ބޭރުގައި އެމްޕޯލީ އަތުން ފިއޮރެންޓީނާ ބަލިވީ 2-1 އިންނެވެ.
