ބުންޑަސްލީގާގައި މިރޭ ރަށުން ބޭރުގައި ވުލްފްސްބާގް އަތުން 3-1 އިން ބްރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ރެކޯޑެއް ހެދިއިރު، އާމީނިއާ ބިލެފީލްޑް އަތުން 1-0 އިން ހޯދީ ހަނި މޮޅާއެކު ބަޔާން މިއުނިކުން އަލުން އެއްވަނަ އަށް ޖެހިލައިފިއެވެ.

ބަޔާނުން މިރޭގެ މެޗަށް ނިކުތްއިރު ވާދަވެރި ޑޯޓްމަންޑުން ވަނީ 13 މެޗުން ހޯދީ 30 ޕޮއިންޓާއެކު އެއްވަނަ އަށް ޖެހިލައިފައެވެ. އެހެންކަމުން ބަޔާނަށް އަލުން އެއްވަނަ އަށް އެރެން އޮތީ އާމީނިއާ ބިލެފީލްޑް ބަލިކޮށްގެންނެވެ. އެ މެޗުން ހޯދީ މޮޅާއެކު ބަޔާނަށް 13 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ފްރެއިބާގަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ބަޔާ ލެވަކޫސަން އޮތީ 12 މެޗުން ހޯދީ 21 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ވުލްފްސްބާގުގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ހޮލެންޑްގެ ފޯވާޑް ވައުޓް ވެގްހޯސްޓް އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ އެމްރޭ ޗާން އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ޑޯޓްމަންޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ޑޮންޔެލް މަލެން އެވެ. މިއީ އެ ޓީމުގެ ކެޕްޓަން މާކޯ ރެއުސް ދިން ބޯޅައަކުން މަލެން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ޑޯޓްމަންޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް ހާލަންޑް އެވެ. މިއީ މިދިޔަ އޮކްޓޫބަރު މަހުގައި ކުރިމަތިވި އަނިޔާއަށްފަހު ހާލަންޑް ކުޅުމަށް އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗެވެ. މި ގޯލާއެކު ހާލަންޑް ވަނީ ބުންޑެސްލީގާގެ ތާރީޚުގައި 50 ލަނޑު ހަމަކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޖަރުމަނު ލީގުގައި 50 ލަނޑުޖެހިއިރު ހާލަންޑްގެ އުމުރަކީ 21 އަހަރާއި 129 ދުވަހެވެ.

ލީގުގައި މިރޭ ބަޔާންގެ އެރީނާގައި ކުޅުނު މެޗުގައި ފުލުން ދެވަނައިގައި އޮތް އާމީނިއާ ބިލެފީލްޑް އަތުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ލެރޯއީ ސާނޭ އާއި އަލްފޮންސޯ ޑޭވިސްގެ އިތުރުން ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާތައް ވުލްފްސްބާގުގެ ކީޕަރު ސްޓެފަން އޯޓޭގާ ހުއްޓުވިއެވެ. މި ހާފުގައި ޖަރުމަނުގެ އަބަދަށްފެހި ފޯވާޑް ތޯމަސް މުލާ ފޮނުވާލި ބޯޅަ ވުލްފްސްބާގުގެ ކުޅުންތެރިން ސަލާމަތްކުރީ ގޯލްގެ ރޮނގުމަތިންނެވެ.

ބަޔާނުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާނޭ އެވެ. މިއީ މުލާ ދިން ބޯޅައަކުން ސާނޭ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ފޫރްތު އަތުން 6-3 އިން ހޮފެންހައިމް މޮޅުވިއިރު، ކޮލޯނުން ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބަކް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ފްރެއިބާގް އަތުން ވީއެފްއެލް ބޯކަމް މޮޅުވީ 2-1 އިންނެވެ. ހާތާ ބާލިންއާ ދެކޮޅަށް އޮއުސްބާގް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.