ފްރެންޗް ލީގުގައި މިރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކު ރަށުން ބޭރުގައި ޕީއެސްޖީން ފަހަތުންއަރައި 3-1 އިން ސެއިންޓް-އެޓިއެން ބަލިކުރިއިރު، ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހިއްޖެއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އަށް ކުޅުނު 15 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ދެވަނައިގައި އޮތް ރެނެސް އަށް 28 ޕޮއިންޓް ލިބިފައިވާއިރު، ނީސް އޮތީ 26 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ލެންސް އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.
ސެއިންޓް-އެޓިއެންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 23 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ޑެނިސް ބޮއަންގާ އެވެ. އެ ޓީމަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޓިމޮތީ ކޮލޮޑްޒޮއިޒެޗަށް ސީދާ ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ޕީއެސްޖީން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމުގެ ކެޕްޓަން މާކީނޯސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެސީ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް މާކީނޯސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ މެސީ ދިން ބޯޅައަކުން އެންހެލް ޑި މާރިއާ އެވެ.
މެޗު ނިމެން ދަނިކޮށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އަށިގަނޑަށް ލައިގެން ނޭމާ ބޭލިއިރު ހުރީ ރޮވިފައެވެ. ޕީއެސްޖީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ވެސް މާކީނޯސް އެވެ. މި ލަނޑުޖެހީ ވެސް މެސީ ނެގި ހުރަހަކުންނެވެ.
މި މެޗަކީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ސްޕެއިނުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަށް އަނިޔާގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅުގައި ނުކުޅެވުނެވެ.
މި މުބާރާތުގައި މިރޭ މޮންޓްޕެލިއާގެ ދަނޑުގައި އޮލިމްޕިކް ލިޔޯން މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އެވެ.
