އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ވައްދާލި ޕެނަލްޓީން، މެންޗެސްޓާ ޔުނައިޓެޑް އަތުން އެ ޓީމު ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުތަކަށްފަހު ޗެލްސީ އެއްވަނައިގައި އޮތީ 13 މެޗުން ހޯދީ 30 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި 28 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު، ވެސްޓް ހޭމް އޮތީ 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގައި 13 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނިކުތްއިރު މިދިޔަ ހަފްތާގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެއެވެ. އަދި ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި މައިކަލް ކެރިކް މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެއެވެ. ރޮނާލްޑޯ މިރޭގެ މެޗު ފެށީ ބެންޗުންނެވެ.

ސްޓެމްފޯޑް ބްރިޖްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި ހާފުގައި ޗެލްސީގެ ހަކީމް ޒިޔެޗް އާއި ކެލުމް ހަޑްސަން-އޮޑޯއީގެ އިތުރުން އެންޓޯނިއޯ ރުޑިގާ ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މި މެޗުގައި ޔުނައިޓެޑުން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖޭޑަން ސަންޗޯ ކާމިޔާބުކުރި ގޯލުންނެވެ. ޗެލްސީން އެއްވަރުކުރީ، މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ޖެހި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ޔުނައިޓެޑްގެ ފުލްބެކް އާރޮން ވަން-ބިސާކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި މިރޭ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން ވެސްޓް ހޭމް އަތުން އެ ޓީމު މޮޅުވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ ފުރިހަމަވަގުތުގެ ކުޅުމުގެ އެންމެ ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެނާންޑީނިއޯ ކާމިޔާބުކުރި ހިތްގައިމު ގޯލުން ސިޓީ ލީޑްފުޅާކޮށްފައިވަނިކޮށް، އިތުރުވަގުތުގައި ވެސްޓް ހޭމަށް ފަރަގު ކުޑަކޮށްދިނީ މެނުއެލް ލަންޒީނީ އެވެ.

މި މުބާރާތުގައި މިރޭ ބާންލީގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެން އޮތް މެޗު ސްނޯވެހި މޫސުން ގޯސްވުމުގެ ސަބަބުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ. ލެސްޓާގެ ސިޓީގެ ދަނޑުގައި ޖެމީ ވާޑީ ވައްދާލި ދެލަނޑާއެކު ވަޓްފޯޑްގެ މައްޗަށް އެ ޓީމުން ކުރިހޯދީ 4-2 އިންނެވެ. އަމިއްލަ ދަނޑުގައި އެވަޓަން އަތުން ބްރެންޓްފޯޑް މޮޅުވީ 1-0 އިންނެވެ.