ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ވިނީޝަސް ޖޫނިއާ ވައްދާލި ލަނޑުން ސެވިއްޔާގެ މައްޗަށް 2-1 އިން ހޯދީ މޮޅާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ރޭގެ ނަތީޖާއާއެކު ރެއާލަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ސެވިއްޔާ އޮތީ 28 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ސެވިއްޔާ އިންނެވެ. މާކޯސް އަކޫނިއާ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މިލަނޑުޖެހީ ރަފާ މީރް އެވެ. މެޗުގެ 32 ވަނަ މިނެޓުގައި އެޑާ މިލިޓާއޯ ފޮނުވާލި ހަމަލާއެއް ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޯ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީ ރެއާލަށް އެއްވަރުކޮށްދީފައެވެ.
މި މެޗުން ރެއާލް މޮޅުވި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. މިއީ ލީގުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ. ސެވިއްޔާ އަށް އެއްވަރުކޮށްދޭން މެޗުގެ އިތުރުވަގުތުގައި ތޯމަސް ޑެލާނޭ ބޮލުން ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.
ލީގުގައި ރޭ ކާޑިޒްގެ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ 4-1 އިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ތޯމަސް ލެމާ، އެންޓޮއިން ގްރީޒްމަންގެ އިތުރުން އެންހެލް ކޮރޭއާ އަދި މަޓެއުސް ކޫންޔާ އެވެ. ކާޑިޒްގެ ހަމައެކަނި ލަނޑުޖެހީ އެންތޯނީ ލޮޒާނޯ އެވެ.
