އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ސަސުއޯލޯ އަތުން 3-1 އިން އޭސީ މިލާން ބަލިވިއިރު، ނަޕޯލީން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލާޒިއޯ ބަލިކޮށް ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްނަގާފައެވެ.
ރޭގެ މެޗުތަކަށްފަހު ނަޕޯލީ އެއްވަނައިގައި އޮތީ 14 މެޗުން ހޯދީ 35 ޕޮއިންޓާއެކު އެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މިލާނެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އޮތީ 28 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސެން ސީރޯ ގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި މިލާނަށް ލީޑްނަގައިދިނީ ކެޕްޓަން އަލެސިއޯ ރޮމަނޯލީ އެވެ. އެކަމަކު، އޭގެ ތިން މިނެޓުފަހުން ޖިއަންލޫކާ ސްކަމާކާ ވަނީ ސަސުއޯލޯ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ގޯލާއި 25 ޔާޑު ދުރުން ސްކަމާކާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި މިލާންގެ ޑިފެންޑަރު ސިމޯން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ސަސުއޯލޯ އިން ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ.
ސަސުއޯލޯ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީ އެވެ. މިލާނުން ގޯލެއް ޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ 77 ވަނަ މިނެޓުގައި ރޮމަނޯލީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލާޒިއޯ ކޮޅަށް ތިން ލަނޑުޖަހާފައެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޕިއޯޓްރޭ ޒިއެލިންސްކީގެ ގޯލުން ނަޕޯލީ ލީޑްނެގިއިރު، އޭގެ ހަތަރު މިނެޓުފަހުން ޑްރީސް މާޓެންސް ވަނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި މާޓެންސް ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. ނަޕޯލީން ޖެހި ހަތަރުވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ފަބިއެން ރުއިޒް އެވެ.
