ފްރާންސް ފުޓްބޯލް އިން ކޮންމެ އަހަރަކު ދެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، މި ފަހަރު ވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ. މިއީ މި އެވޯޑް މެސީ އަށް ލިބުނު ހަތްވަނަ ފަހަރެވެ.

މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ވެސް މެސީ އަތުގައެވެ. މެސީ، ބެލޮންޑިއޯ އެވޯޑް ހޯދީ، 2009-2012 އާއި 2015 ގެ އިތުރުން 2019 އަދި 2021 އެވެ. މެސީ އަށް ފަހު ދެން އެންމެ ގިނަ ފަހަރު މި އެވޯޑް ހާސިލްކޮށްފައިވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައެވެ. މި ފަހަރު ރޮނާލްޑޯ ލައްވާލީ ހަވަނައިގައެވެ.

އުމުރުން 34 އަހަރުގެ މެސީ އަށް މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި ދެއްކި މޮޅު ކުޅުމެވެ. އެ މުބާރާތުގެ އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް މެސީ ހޯދިއެވެ. އަދި 2021 ވަނަ އަހަރުގައި މުޅި ޖުމްލަ 40 ލަނޑުޖެހިއިރު، އޭގެތެރެއިން 28 ގޯލް ކާމިޔާބުކޮށްދީފައިވަނީ ކުރީގެ ކްލަބު ބާސެލޯނާ އަށެވެ. އޭނާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީ އަށް ހަތަރު ލަނޑުޖަހައިދިންއިރު، އާޖެންޓީނާ ގައުމީ ޓީމަށް 8 ގޯލް ކާމިޔާބުކޮށްދިނެވެ.

މެސީގެ އިތުރުން ބެލޮންޑިއޯގެ ގަދަ 5 ގައި ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި؛ ދެވަނަ އަށް ދިޔައީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީ ހޯދި ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ތިންވަނައިގައި ލައްވާލި ޗެލްސީގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ އާއި ހަތަރުވަނަ އަށް ދިޔަ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ އަދި ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ.

ލިއޮނަލް މެސީ (ކ) އާއި ބާސެލޯނާގެ އަލެކްސިއާ ޕުޓޭޔާސް: އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ ޓްރޮފީ ހިފައިގެން.-- ފޮޓޯ: ފްރާންސް ފުޓްބޯލް

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ ފެމިނިން ޓްރޮފީ ހާސިލްކުރީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. ނިމިދިޔަ ސީޒަނުގެ ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގު ބާސެލޯނާ އާއެކު ކާމިޔާބުކުރި މޮޅު ކުޅުމެއްދެއްކި ޕުޓެޔާސް އަކީ އެ ޓީމުގެ ކެޕްޓަނެވެ.

ބެލޮންޑިއޯ އެވޯޑަކީ ފުޓްބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އެއް އެވޯޑެވެ. 1956 ވަނަ އަހަރު ދޭން ފަށައި، 1995 ވަނަ އަހަރާ ހަމައަށް މި އެވޯޑް ދެމުން އައީ ހަމައެކަނި ޔޫރަޕްގެ ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭގޮތަށް ބަދަލުކުރުމަށްފަހު، 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގެ ކޮންމެ ގައުމެއްގެ ކުޅުންތެރިއަކަށް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި 2010 އިން 2015 ވަނަ އަހަރާ ހަމައަށް ދިނީ ފީފާއިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގައެވެ.

މިއީ ފްރާންސް ފުޓްބޯލް އިން އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުން ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ.

ބެލޮންޑިއޯ އެވޯޑް:

1. ލިއޮނަލް މެސީ (ޕިއެސްޖީ / އާޖެންޓީނާ)

2. ރޮބަޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް / ޕޮލެންޑް)

3. ޖޯޖީނިއޯ (ޗެލްސީ / އިޓަލީ)

4. ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް / ފްރާންސް)

5. އެންގޯލޯ ކާންޓޭ (ޗެލްސީ / ފްރާންސް)

6. ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް / ޕޯޗުގަލް)

7. މުހައްމަދު ސަލާހު (ލިވަޕޫލް / މިސްރު)

8. ކެވިން ޑި ބްރޭނާ (މެންޗެސްޓާ ސިޓީ / ބެލްޖިއަމް)

9. ކިލިއަން އެމްބާޕޭ (ޕީއެސްޖީ / ފްރާންސް)

10. ޖިއަންލުއިޖީ ޑޮންނަރުއްމާ (ޕީއެސްޖީ / އިޓަލީ)

11. އާލިން ބްރައުޓް ހާލަންޑް (ބޮރޫޝިއާ ޑޯޓްމަންޑް / ނޯވޭ)

12. ރޮމެލޫ ލުކާކޫ (ޗެލްސީ / ބެލްޖިއަމް)

13. ޖިއޯޖިއޯ ކިއެލީނީ (ޔުވެންޓަސް / އިޓަލީ)

14. ލިއޮނާޑޯ ބޮނޫޗީ (ޔުވެންޓަސް / އިޓަލީ)

15. ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ / އިންގްލެންޑް)

16. ނޭމާ (ޕީއެސްޖީ / ބްރެޒިލް)

17. ލުއިސް ސުއަރޭޒް (އެތުލެޓިކޯ މެޑްރިޑް / އުރުގުއޭ)

18. ސިމޯން ކިއޭ (އޭސީ މިލާން / ޑެންމާކް)

19. މޭސަން މައުންޓް (ޗެލްސީ / އިންގްލެންޑް)

20. ރިޔާދް މާރޭޒް (މެންޗެސްޓާ ސިޓީ / އަލްޖީރިއާ)

21. ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް / ޕޯޗުގަލް)

22. ލޮޓާރޯ މާޓިނޭޒް (އިންޓަ މިލާން / އާޖެންޓީނާ)

23. ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕާ / އިންގްލެންޑް)

24. ޕެޑްރީ (ބާސެލޯނާ / ސްޕެއިން)

25. ފިލް ފޯޑެން (މެންޗެސްޓާ ސިޓީ / އިންގްލެންޑް)

26. ނިކޯލޯ ބަރެއްލާ (އިންޓަ މިލާން / އިޓަލީ)

27. ރުބެން ޑިއާސް (މެންޗެސްޓާ ސިޓީ / ޕޯޗުގަލް)

28. ޖެރާޑް މޮރޭނޯ (ވިޔަރެއާލް / ސްޕެއިން)

29. ލުކާ މޮޑްރިޗް (ރެއާލް މެޑްރިޑް / ކްރޮއޭޝިއާ)

30. ސެޒާ އަޒްޕިލިކުއެޓާ (ޗެލްސީ / ސްޕެއިން)