ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް އަނިޔާކުރާ ކަމަށް ލިޔެފައި އޮތް އާޓިކަލް އަކަށް މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި އޮތެވެ. "ކޮންހާ ޝަކުވާއެއް ކުރާކަށް ހެއްޔެވެ؟ ކުއްޖާގެ އާއިލާއިން ކުއްޖާ ބަލަހައްޓާނަމަ ތިޔަ ކަހަލަ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ." ވަރަށް ވެސް ބޮޑު ތެދެކެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރާނަމަ މުޖުތަމަޢުގައި "އެއްވެސް މައްސަލައެއް" ނޯންނާނެއެވެ. ނުވަތަ މައްސަލަތައް ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.

އެހެނިހެން ގިނަ މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލައިގެ ވެސް ފެށުމަކީ އިހުމާލެވެ. ފަރުދީ ޒިންމާ އަދާނުކުރެވުމެވެ. ތުއްތުކުއްޖަކަށް ލިބެންވާ އެންމެ ފުރިހަމަ ރައްކާތެރިކަމާއި، ލޯތްބާއި، އަޅާލުން ލިބޭނީ ކުއްޖާގެ މައިންބަފައިންގެ ފަރާތުންނެވެ. މާމަ އާއި ކާފަގެ ފަރާތުންނެވެ. ޖުމުލަ ގޮތެއްގައި ދަންނަވާނަމަ އާއިލާގެ ފަރާތުންނެވެ. ތުއްތުކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ އާއިލާއިން ނަގާނަމަ އެކުއްޖާ އަށް ދަޢުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ދާކަށް ނުޖެހޭނެއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށަށް ކުދިން ދާން ޖެހޭ މައިގަނޑު ސަބަބުތައް:

  1. އާއިލާ ރޫޅުން.

ދަޢުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރޫޅިފައިވާ އާއިލާތަކުގެ ކުދިންނެވެ. ދަރިން ލިބޭ ފަހުން ރޫޅޭ ކައިވެނިތަކުގެ ހުރިހާ ނޭދެވޭ އަސަރެއް ކުރަނީ ދަރިންނަށެވެ. ކޮންމެ ދެމަފިރިއަކު ވެސް ވަކި ވާނީ ބޮޑެތި މައްސަލަތަކެއް ދިމާވެގެންނެވެ. ވަކިވާ ފަހުން ވެސް އެކަކު އަނެކަކަށް ނަފުރަތުކޮށް، ޖެއްސުންކޮށް، ބަދަލުހިމުގެ ރޫހު އުފެދިގެން ދިޔުމަކީ އާންމު ކަމެކެވެ. 

ދެމަފިރިން ވަކިވުމުން ގިނަ ފަހަރަށް ދަރިފުޅު ހުންނަނީ މަންމަ ކައިރީގައެވެ. އެކަނިވެރި މައެއްގެ ގޮތުގައި ތުއްތުކުއްޖަކު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި އުނދަގޫ އިހުސާސް ވާނީ އެކަން ތަޖުރިބާކޮށްފައިވާ މީހަކަށް އެކަންޏެވެ. ކުއްޖާގެ ބައްޕަގެ ޒިންމާއަކަށް އޮންނާނީ ކޯޓު މެދުވެރިކޮށް ކޮންމެ މަހަކު 2000 ރުފިޔާ ދިނުމެވެ. ދުވަސްކޮޅެއް ފަހުން ބައްޕަ ކޮންމެ ވެސް އެހެން މީހަކާ ކައިވެނިކޮށްގެން، އުފާވެރި ދިރިއުޅުމެއް އުޅެން ފަށާއިރު، ހުރިހާ ބުރައެއް އުފުލަނީ މަންމައެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އަދި ހަމައެހެންމެ ބައެއް ފިރިހެނުންނަކީ ދަރިންގެ ޚަރަދު ނުދީ، ކޯޓުތަކަށް ފިލައިގެން އުޅޭ މީހުންނެވެ. އެހެންކަމުން މާލީގޮތުން ކުރިމަތިވާ ދަތިތައް ވެސް ތަޙައްމުލު ކުރާނީ ހަމަ މަންމައެވެ. މިފަދަ ޙާލަތްތަކުގައި ދަރިފުޅުގެ ބައްޕަ ދެކެ އަންނަ ރުޅީގައި، ދަރިފުޅު ބެލުމަށް މަންމަ ދެކޮޅުހަދައެވެ. އަދި ބައްޕައަށް ވެސް ދަރިފުޅު ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ނޯވެއެވެ.

ހަމަ މީގެ އަނެއްކޮޅަށް ވެސް ކަން ހިނގާފައި އެބަ ހުއްޓެވެ. ދެމަފިރިން ވަކިވުމުން، ދަރިފުޅު ގެންގޮސް ބައްޕައާ ހަވާލުކޮށްފައި، މަންމަ އެހެން ތަނެއްގައި ދިރިއުޅޭ މައްސަލަތައް ވެސް ފާހަގަކުރެވިފައި ވެއެވެ. ބައްޕަގެ އަތްދަށުން ކަންކަން ދޫވެގެން ގޮސް، މުޖުތަމަޢުގައި ހިނގާ ތަފާތު ކުށްތަކަށް ކުއްޖާ ހުށަހެޅި، ދަޢުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ކުއްޖާ ފޮނުވާލަން މުޖުތަމަޢަށް މަޖުބޫރުވެއެވެ.

  1. ބެލެނިވެރިޔާ ޖަލުގައި ޙުކުމެއް ތަންފީޒުކުރަމުން ދިޔުން.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާއި، ކުދިންގެ ނިސްބަތް އިތުރުވަމުން މިދަނީ އިންތިހާއަށެވެ. ދަރިން ލިބޭ ފަހުން ވެސް މަސްތުގެ ދުނިޔެއިން މިންޖުނުވެވި، ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ޙުކުމް ތަންފީޒުކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އެފަދަ މީހުންގެ ދަރިންނަށެވެ. މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ އިތުރު އެހެން ކުށެއް ނަމަވެސް، އެކަން ސާބިތުވާ ހިސާބުން އާއިލާގައި ދެން ތިބޭ ގިނަ މީހުން އެމީހަކާ ގުޅުން ކަނޑާލައެވެ. އޭނާގެ ދަރިންނަށް ވެސް ނަފުރަތުކޮށް، ބާކީ ކުރަން ފަށައެވެ. ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ޤައިދީއަކަށް ވާހިސާބުން، ހުރިހާ މަލާމާތަކާއި ފުރައްސާރައެއް ކުރިމަތި ވަނީ ކުއްޖާއަށެވެ. ކުއްޖާއާ އަޅާލާނެ މީހަކު ނެތި، އާއިލާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި ރައްކާތެރިކަން ނުލިބި، އަނެކުންގެ ފަރާތުން ލިބޭ ނަފުސާނީ އަނިޔާތަކުން މިންޖުނުވެވުމުގެ ނަތީޖާއަކަށް ވަނީ ކުށުގެ ވެއްޓަށް ކުއްޖާ ހުށަހެޅިގެން ދިޔުމެވެ. އެކަންކަމުން ސަލާމަތްކުރުމުގެ ގޮތުން ދެން ފޮނުވާލަން ޖެހެނީ ކުޑަކުދިންގެ ހިޔާއަށެވެ.  

  1. ކައިވެނިން ބޭރުން ދަރިން ލިބުން.

ކައިވެނީގެ ބޭރުން ދަރިން ލިބުމަކީ ވެސް ދިވެހިރާއްޖޭގެ މި މުޖުތަމަޢުގައި ހިނގަމުންދާ ކަމެކެވެ. ކައިވެނީގެ ބޭރުން ލިބޭ ކުދިން ބެލެހެއްޓުމަށް މައިމީހާ އާއި އާއިލާ ދެކޮޅު ހަދާ ޙާލަތްތަކުގައި ދަޢުލަތަށް ކުއްޖާ ނަގަން މަޖުބޫރުވެއެވެ. ވިހެއުމަށްފަހު ހޮސްޕިޓަލަށް ދަރިފުޅު ދޫކޮށްލާފައި މަންމަ ފިލުމުގެ މައްސަލަތަކެއް ވެސް ރެކޯޑް ކުރެވިފައި ވެއެވެ. އަދި ވިހެއުމަށްފަހު ފޫޅުދަނޑިއާ އެކު އޮތް ކުއްޖަކު މާލޭ މަގުމަތިން ފެނުނު ޚަބަރު ވެސް ގިނަ ބައެއްގެ ހަނދާނުގައި ހުންނާނެކަން ޔަޤީނެވެ. ގިނަ ފަހަރަށް މިފަދަ ޢަމަލުތައް ކޮށްފައި ހުންނަނީ ކައިވެނިން ބޭރުގައި ބަލިވެއިނދެ، ވިހާ މީހުންނެވެ. މަގުމަތީގައި ބާއްވާފައި އޮންނަ ކުއްޖާގެ މަންމަ ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ހޮސްޕިޓަލަށް ދޫކޮށްލާފައި ފިލާ މީހުންގެ މަޢުލޫމާތު ހޯދެއެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެފަދަ މީހުންނާއި، އެމީހުންގެ އާއިލާތަކާ ވާހަކަދައްކައިގެން ކުއްޖާ ބެލެހެއްޓުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތްކުރެއެވެ. ދަޢުލަތުން ކުއްޖާ ނަގަނީ އާއިލާއިން ކުއްޖާއާ ހަވާލުވުމަށް ދެކޮޅު ހެދުމުން އިތުރު އެހެން ގޮތެއް ނެތިގެންނެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އަކީ އެއް ޒަމާނެއްގައި "އަމާންކަމުގެ ސުވަރުގެ"އެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ދިވެހިރާއްޖޭގައި އޮތް ސުލްޙަވެރިކަމުގެ ވެށި، ކުށުގެ ވެއްޓަކަށް ބަދަލުވަމުންދާ މަންޒަރެވެ. ޙާއްޞަކޮށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް އިންތިހާއަށް އިތުރުވަމުން ދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އާއިލާގެ އަޅާލުމާއި، ލޯބި ނުލިބޭ ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމުގެ މަޤުޞަދުގައި ދަޢުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ކުދިން ގެންގޮސްގެން އެކުދިންނާ މެދު އިހުމާލުވެ، އަނިޔާވެރިވާ މައްސަލަތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމުން މިހާރުން މިހާރަށް މި މައްސަލައަށް އެކަށީގެންވާ ރަނގަޅު ހައްލެއް ބޭނުންވެއެވެ.