ރާއްޖޭގެ މެދުތެރެއާ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

އެ ސަރަހައްދުތަކަށް މޫސުން މިހާރުވެސް ގޯސްވެފައިވާތީ، ޅ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އަދި އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަވަދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ ހުރިހާ ވަގުތެއްގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ އާންމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެއެވެ.