ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެތައް ބައިވަރު ކަމެއް ދިމާވާނެއެވެ. އެތައް ހާދިސާތަކާއި ކުރިމަތިވާނެއެވެ. އުފާވެރި، ހިތާމަ އަދި ހައިރާންކަމާއި ބިރުވެރިކަން އިހުސާސްކުރަންޖެހޭ ހާލަތްތައްވެސް އޭގެތެރޭގައި ހިމެނޭނެއެވެ. މިއިން ކޮންމެ ހާލަތެއްގައި ނުވަތަ ހާދިސާއެއްގައި އިންސާނާ ކުރާންޖެހޭ އެންމެ ހިކުމަތްތެރި ކަމަކީ އެއިން ކޮންމެ ހާދިސާއަކުން އިބުރަތެއް ލިބިގަތުމެވެ. މިއީ ވިސްނުމާއި ބުއްދި ދެއްވާފައިވާ މި އިންސާނާގެ މާދަމާ އުޖާލާކޮށް އަލިކުރުމަށް އޮތް ވަރަށްވެސް ފަހި މަގެކެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތްތަކެއްވާނޭކަމަށް އޮންނަނީ މިހެންވެއެވެ.

ބައެއްމީހުންގެ ހަޔާތުގައި އެމީހުންނަށް ދިމާވާ އުފާވެރިކަންކަމުގައި ނުވަތަ ލިބޭކާމިޔާބީގައި އުފާ ފާޅުކުރަމުން ގެންދެއެވެ. އެ ކާމިޔާބީގައި ފަހުރުވެރިވެވޭއިރު، އަނެއްބައިމީހުން ބޮޑާވެ ކިބުރުވެރިވާތަންވެސް ފެނެއެވެ. ނަމަވެސް މިއީ ހަގީގަތުގައި ކަން ވާންޖެހޭނޭ ގޮތެއް ނޫނެވެ. މިފަދައިން ދިމާވާ އުފާވެރި ކަމެއްގައި ނުވަތަ ލިބޭމޮޅުކާމިޔާބީގައި އަބަދުވެސް ހިތްތިރިކުރަން ވާނެއެވެ. ހިކުމަތްތެރިކަމާއި އެކީ އެ ކާމިޔާބީއާއި ހިސާބަށް ވާސިލު ވެވުނު މަގު އަލުން ހޯދާ އެ މަގު ސާފުކޮށް އެނގެން ޖެހޭނެއެވެ. އެކަމުގައި ގިރާކުރި ހުރަސްތަކާއި އެ ހުރަސްތައް ގިރާކުރުމުގައި އަމަލުކުރި ގޮތްތައް ހަނދާންއާކުރަން ވާނެއެވެ. ކުރި އެ ބުރަ ހިތްވަރާއި ވެވުނު އެސާބިތުކަމުގެ ފަހަތުގައި ފޮރުވިފައިވި ހަގީގީ އުންމީދަކީ ކޮބައިކަންވެސް މިފަދަ ހާލަތްތަކުގައި ދެނެގެން ތިބުން މުހިންމެވެ. އެހެނީ އެއީ މާދަމައަށް ތިމާގެ އަމިއްލަ ދިރިއުޅުމުން ތިމާ ހޯދާ އިބުރަތަކަށް އެކަންތައްތައް ވާނެތީއެވެ. މާދަމާވެސް އެފަދަ ހިތްވަރެއް ނެރެން ޖެހިއްޖެނަމަ އެ ހިތްވަރެއް ހޯދާނޭ ގޮތާއި އެފަދަ ހުރަހެއް ކުރިމަތިވެއްޖެނަމަ އެކަން ގިރާކުރާނޭ ގޮތް ތިމާ އަމިއްލަ އަށް ހޯދާފައި ހުރުން ވަރަށްވެސް މުހިންމެވެ. އެހެނީ އެދުވަހުވެސް އެކަންކަން ކުރީ ހަމަ ތިމާއެވެ. އެދުވަހު ކަން ކުރި ގޮތަށް މާދަމާވެސް ކަންތައްކޮށް، ދިރިއުޅުމުގައި އާ ހަރުފަތަކަށް ދާން ފަހިވާނެއެވެ.

ދިރިއުޅުމުގައި ދިމާވާ ހިތްދަތި އަދި ހިތާމަވެރި ކަންކަމުގައި ނުވަތަ ހާދިސާތަކުގައި، ގޮތް ހުސްވެ މާޔޫސްވުމެއް ނެތެވެ. ރޮއެ ހޭރި ބިންމަތީގައި "ފުރޮޅުމެއްވެސް" ނެތެވެ. ކުރާންވީހާވެސް އެކަމަކީ އެ ހިތްދަތިކަމަކާއި، އެހިތާމައެއް ނުވަތަ އެ ދެރައެއް ލިބެން މެދުވެރިވީ ކޮން ސަބަބެއްތޯ ދެނެގަތުމެވެ. އާދޭހެވެ! ވިސްނުމެވެ. ވިސްނާ ފިކުރު ކުރުމެވެ. ނަތީޖާއަކީ އެކަންކަމުގެ އަޑިއަށް ތިމާއަށް ވާސިލުވެވުމެވެ. އެކަންކަމުގައި ފޮރުވިފައިވާ ނުވަތަ އަދި ހާމައަށް ހުރި ނަމަވެސް ސަބަބުތަކާއި ހެކިތައް ސާފުކޮށް ތިމާއަށް ފެންނާނެއެވެ. މިފަދަ ހާލަތްތަކުގައި ހިތްވަރުކޮށް މިފަދައިން އަމަލުކޮށްފިނަމަ، މާދަމާ އެފަދަކަމެއް ކުރިމަތިވުމުގެ ކުރިން ތިމާއަށް އެނގޭނެއެވެ. އެފަދަކަމެއް މެދުވެރިވާން ހުރި ސަބަބުތައް ސާފުވާނެއެވެ. ކުޅަދާނަވީ ވަރަކުން އެ ސަބަބުތައް ނައްތާލަން މަސައްކަތް ކުރެވޭނެއެވެ. ސަބަބު ނެތި ހިނގައްޖެނަމަ އެކަމެއް ނުވުމުގެ ފުރުސަތު ފަހިވެއެވެ. އެހެންކަމުން އެފަދަ ދެރަ ހިތާމަވެރި ހާލަތްތަކުގައި ނުވަތަ ހާދިސާތަކުގައި އިންސާނާގެ ބުއްދިއާއި ވިސްނުން އިސްކޮށް ކަމުގެ އަޑިއަށް ފީނާ ސަބަބުތައް ހޯދުން މުހިންމެވެ. އެފަދަ ކޮންމެ ހާދިސާއަކުން އިބުރަތެއް ހާސިލުކުރުން މުހިންމެވެ. އެއީ މުސްތަގުބަލު އުޖާލާކޮށް ކުރުހޭނޭ ކަމެކެވެ.

ކަންއޮތީމިހެން ކަމުގައިވުމުން، ދުނިޔޭގައި އިންސާނުންނަށް މިފަދައިން ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ ބުއްދިއާއި ވިސްނުން އިސްކޮށް އިބުރަތެއް ހާސިލްކުރާން އުޅުމީ އެންމެ މޮޅު ހިކުމަތްތެރީންގެ އާދައެކެވެ. އެއް ހަރުން ދެފަހަރަށް ކަށި ނުޖެހޭނެކަން ކަށަވަރު ކުރެވޭނޭ ވަރަށް އާދައިގެވެސް ކަމެކެވެ. އެހެންކަމުން ހަޔާތުގެ ކޮންމެ ވަގުތަކީ އެއިން އިބުތަރެއް ލިބިގަންނަން ޖެހޭނޭ ވަގުތެކެވެ.