އިޓާލިއަން ސެރިއޭގައި ރޭ ރަށުން ބޭރުގައި ސަލާނިޓާނާ އަތުން 2-0 އިން ހޯދީ މޮޅާއެކު ޔުވެންޓަސްގެ ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްފިއެވެ.

މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރަށުން ބޭރުގައި ޗެލްސީ އަތުން 4-0 އިން ބަލިވިއިރު، ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 1-0 އިން ވީ ބައްޔެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް ވަނީ 15 މެޗުން ހޯދީ 24 ޕޮއިންޓާއެކު ތާވަލްގެ ހަވަނަ އަށް ޖެހިލާފައެވެ. މި މެޗުން ބަލިވި ސަލާނިޓާނާ އޮތީ އެންމެ ފުލުގައި 8 ޕޮއިންޓާއެކު އެވެ. ލީގުގެ އެއްވަނައިގައި އުޅޭ ނަޕޯލީ އަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޭސީ މިލާނެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް 31 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން އެޓަލާންޓާ އޮތީ ހަތަރުވަނައިގައެވެ.

ސަލާނިޓާނާގެ ސްޓާޑިއޯ އަރެޗީގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑްނަގައިދިނީ ސްވިޑެންގެ މިޑްފީލްޑަރު ޑޭޔަން ކުލުސެވްސްކީ ދިން ބޯޅައަކުން އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެވެ. އޭގެކުރީން، އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ކާމިޔާބުކުރި ގޯލެއް ވީއޭއާރް އިން ވަނީ ގަބޫލުނުކޮށްފައެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ފިއޮރެންޓީނާގެ ސާބިއާ ފޯވާޑް ޑޫސަން ވްލަހޮވިޗް އުފާ ފާޅުކުރަނީ. --ފޮޓޯ: ފިއޮރެންޓީނާ

ޔުވެންޓަސްގެ ދެވަނަ ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގައި ޑިބާލާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލީގުގައި ރޭ އެޓަލާންޓާގެ ދަނޑުގައި 4-0 އިން ވެނެޒިއާގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާރިއޯ ޕަސަލިޗް ހެޓްރިކެއް ހެދިއެވެ. އެޓަލާންޓާގެ އަނެއް ލަނޑުޖެހީ ޓެއުން ކޫޕްމެއިނާސް އެވެ.

ފިއޮރެންޓީނާ އިން އަމިއްލަ ދަނޑުގައި 3-1 އިން ސަމްޕްޑޯރިއާ ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހޯސޭ ކަލެހޯން އާއި ޑޫސަން ވްލަހޮވިޗާއި ރިކާޑޯ ސޮޓިލް އެވެ. ރޭގެ މެޗުގައި ޖެހި ގޯލާއެކު ވްލަހޮވިޗް ވަނީ 2000 ވަނަ އަހަރުގެ ފަހުން އުފަންވި ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގެ ގަދަ 5 ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ރެކޯޑް އޮތީ ބޮރޫޝިއާ ޑޯޓްމަންޑްގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އަތުގައެވެ. ވްލަހޮވިޗް ވަނީ ފިއޮރެންޓީނާ އަށް ލީގުގައި ކުޅެދިން 92 މެޗުގައި 39 ލަނޑުޖަހާފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، އިންޓަގެ ދަނޑުގައި ސްޕެޒިއާއާ ބައްދަލުކުރާ މެޗާއި، ރަށުން ބޭރުގައި ސަސުއޯލޯއާ ދެކޮޅަށް ނަޕޯލީ ކުޅޭ މެޗު ހިމެނެއެވެ.