ޕީ.ސީ.އޯ.އެސް (ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޮމް) ނުވަތަ ބިސްރަވައިގައި ފެންކޮތަޅު އުފައްދާ ބައްޔަކީ އަންހެނުންގެ ތެރޭގައި ވަރަށްވެސް އާންމު ބައްޔެކެވެ. މިއީ ކޮންމެ 10 އަންހެނަކުން އެކެއްގެ ގައިން ފެންނަ ބައްޔެކެވެ. މިބަލީގައި އަންހެނާގެ ބިސްރަވައިގައި ސިސްޓު ނުވަތަ "ފެންކޮތަޅު" އުފެދޭގޮތްވެއެވެ. އެއާއި އެކު ޖިސްމާނީ އެތައް ބަދަލަކާއި އެތައް އުނދަގުލެއް އެ އަންހެނާއަށް ކުރިމަތިވެއެވެ. ޕީ.ސީ.އޯ.އެސް އަކީ ހަމައެކަނި ޖިސްމާނީގޮތުން އަސަރު ކުރުވާބައްޔެއް ނޫނެވެ. ނަފްސާނީގޮތުން ކުރާ އަސަރަކީވެސް ވަރަށްބޮޑު އަސަރެކެވެ.

ޕީ.ސީ.އޯ.އެސް ތަހައްމަލު ނުކުރާ މީހަކަށް ފަހަރުގައި އެފަދަ އަންހެނަކު އުފުލާ ނަފްސާނީ ބުރަތައް އިހުސާސް ނުކުރެވިދާނެއެވެ. ދިރާސާވެރިން ދެކިލައްވާގޮތުގައި ޑިޕްރެޝަން އާއި އެންޒައިޓީ އަކީ މި ބަލި ހުންނަ އަންހެނުންގެ ފަރާތުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. 

ޑިޕްރެޝަންއަކީ ކަސިޔާރުކޮށް ނުވަތަ ގޯސްކޮށް ކަންކަމާއި މެދު ވިސްނުމާއި ހިޔާލު ކުރެވުމާއި އެކު އިހުސާސް ކުރެވި އެގޮތަށް އަމަލުތައް ބެހެއްޓޭ ހައްސާސީ ކަމެކެވެ. ޑިޕްރެޝަންގައި އުޅޭ މީހުންނަކީ އެމީހުގެ ހަޔާތާއި މެދު އަބަދުވެސް ނުބައިނަޒަރަކުން ނުވަތަ "ނެގެޓިވްކޮށް" ވިސްނުން ގެންގުޅެވޭ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގައި އުފާވެރިކަމަށްވުރެ ބޮޑަށް ނާއުންމީދާއި މާޔޫސްކަން އިހްތިޔާރުކުރާ ބައެކެވެ. 

އެންޒައިޓީ އަކީ ނުތަނަވަސްކަމާއި ހާސްކަމާއި ބިރުވެރިކަން އިހުސާސްކުރުވާ އެކަންކަމާއި މެދު ފިކުރުބޮޑުވެ އުނދަގޫ އިހުސާސްތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ. އެންޒައިޓީގައި ތިބޭ މީހުންނަކީ ގިނަފަހަރަށް ކަންކަމާއި ކުރިމަތިލާން ނުކެރި ބިރުވެރިކަމުގައި ފަހަތަށް ޖެހެވޭ ބައެކެވެ. މި ބަލައިލީ ކުރުގޮތަކަށް އެންޒައިޓީ އަދި ޑިޕްރެޝަންގެ ހުލާސާ މާނައަކަށެވެ.

ޕީ.ސީ.އޯ.އެސް ގެ ބަލި ތަހައްމަލު ކުރާ އަންހެނާއަށް ދިމާވާ ޑިޕްރެޝަން އާއި އެންޒައިޓީ ދިމާވާ ބައިވަރު ސަބަބުތައް ސިއްހީމާހިރުން ފާހަގަ ކުރައްވައެވެ. އޭގެތެރޭގައި ޖިސްމާނީގޮތުން އަންނަ ބަދަލުތައް ހިމެނެއެވެ. ޕީ.ސީ.އޯ.އެސް އަކީ ބިސްރަވަޔަށް ޖެހޭ ބައްޔެއް ނަމަވެސް ހަށިގަނޑުގައި ހިނގާ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެއާއި އެކު ގިނައިން އިސްތަށި ފެޅުމާއި މޫނުމަތީގައްޔާއި އަތްފައިގައި އިސްތަށި ފެޅުމަކީ މި ހޯމޯންތަކުގެ "ނަހަމަކަމުން" ކުރިމަތިވާ ކަމެކެވެ. ހަމައެއާއި އެކު ހޯމޯނުތަކަށް އަންނަ ބަދަލަކާއި އެކު އިސްތަށި ފައިބާގޮތްވުމަކީވެސް ދިމާވާ ވަރަށް އާންމު ކަމެކެވެ. މޫނުގައި އޮށާޅަ ނުވަތަ ބިހި ނެގުމަކީވެސް އާންމު ކަމެކެވެ. މިއީ މި ބަލި ތަހައްމަލު ކުރާ އަންހެނެއްގެ މުޅި ހަޔާތުގައި ކަން އޮންނާނޭ ގޮތެވެ. އިހްތިޔާރަކާއި ނުލާ ބަރުދަން އިތުރުވުމާއި ހަށިގަނޑު ބޮޑުކޮށް ހުރުމާއި ގަވައިދުން މައްސަރުކަންކަން ދިމާ ނުވުމަކީވެސް މިބަލީގައި ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ. ދަރިމައިވުމަށް އުނދަގޫވުމާއި މީހާގެ މިޒާޖަށް އަވަސް ކުއްލި ބަދަލުތަކެއް އައުމަކީވެސް ޕީ.ސީ.އޯ.އެސްގެ ސަބަބުން ދިމާވާ ކަންކަމެވެ. މިއީ އެފަދަ އަންހެނަކު އޭނާ މިދުނިޔެ ދޫކޮށް ދަންދެން ކޮންމެ ދުވަހަކުމެ ތަހައްމަލު ކުރާނޭ ކަންކަމެވެ. މިއާއި އެކު އޭނާގެ އަމިއްލަ ނަފްސަށް ކުރާ ލޮތްބާއި ގަދަރާއި އިތުބާރު ކުޑަވެއެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެއެވެ. އަމިއްލަ ނަސްފު ކުށްވެރި ކުރެވެއެވެ. މިއީ ނަފްސާނީ ބަލިތަކަށް ނުވަތަ ޑިޕްރެޝަންއާއި އެންޒައިޓީއަށް މަގުފަހި ކުރުވާ ވަރަށް ފަހި މަގުތަކެކެވެ.

އެފަދަ އަންހެނުންނަށް މުޖުތަމުގައި ދިމާވާ އަނެއް ހިތްދަތިކަމަކީ އެފަދަ އަންހެނާގެ ހަށިގަނޑު ހުންނަ ގޮތާއިމެދު އެހެންމީހުން ކުރާ ސުވާލުތަކާއި ދައްކާ ވާހަކަތެވެ. މާޔޫސްވެފައި ހުންނަ ވަގުތު އެހެންމީހުން ކުރާ ޝަކުވާތަކެވެ. ދަރިމައިވުމަށް ދަތިވެ ކުއްޖަކު ނުލިބި ހުންނަ ދުވަސްތަކު، ކުއްޖަކު ނުހޯދަނީ ކީއްވެތޯ އެހެންމީހުން ކުރާ ސުވާލުތަކެވެ. ބަރުދަން ލުއިކުރުމަށް ކެެއުން މަދުކޮށްފައި ހުންނަ އިރުވެސް މާގިނައިން ކާ ވާހަކައާއި ކެއުން މަދުކުރަން އެކުވެރިން ދޭ ނަސޭހަތްތަކެވެ. މިއިން ކޮންމެ ކަމަކަށް އެ އަންހެނާދޭނޭ ޖަވާބެއް އޭނާގެ އަތަކު ނޯވެއެވެ. އެހެނީ މިހުރިހާކަމަކީ އޭނާގެ ގަސްތަކާއި ނުލާ އިހްތިޔާރުން ބޭރުގައި ހިނގާ ކަންކަމަށް ވަތީއެވެ. މިއީ މި ބަލި ތަހައްމަލު ކުރާ ފަރާތްތަކުން ނަފްސާނި ބަލިމަޑުކަމަށް ހުށަހެނޭ އަނެއް މައިގަނޑު ސަބަބެވެ.

ކަންމިހެން ހުރުމުން، އެފަދަ އަންހެނުންގެ އިޖްތިމާއީ ގުޅުންތަކަށް ބުރޫއަރާގޮތްވެއެވެ. އެކުވެރި ރަހުމަތްތެރިން ދެކި ފޫހިވާ ގޮތްވެއެވެ. ހަޔާތުގެ ބައިވެރިޔާ މަތިން ފޫހިވެއެވެ. ބައިވެރިއަކު އިހްތިޔާރު ކުރުމުގެ ޝައުގެއް ނުހުރެއެވެ. މައިންބަފައިން ބަދުނާމު ކުރުމުގެ ހިޔާލު ހިތުގައި އޮވެއެވެ. މިފަދަ އެތައް ނަފްސާނީ އަނިޔާތަކެއް އެފަދަ އަންހެނުންނަށް ކުރިމަތިވެއެވެ.

މިއީ އާންމުގޮތެއްގައި އެފަދަ އަންހެނުން ދައްކާ އުޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް ތިމާގެ އެކުވެރިއަކު ނުވަތަ ގާތްމީހަކު ނުވަތަ ކޮއްކޮއެއް ދައްތައެއް މި ބަލި ތަހައްމަލު ކުރާނަމަ އެފަދަ މީހުންނަށް އަބަދުވެސް ހިތްވަރުދޭންވާނެއެވެ. އެފަދަ މީހުންނަށް ނަފްސާނީގޮތުން އެހީތެރިވެ އެމީހުންގެ އެމާޔޫސްކަން ފިލުވާލަދީ އުފާކޮށްދޭންވާނެއެވެ. ހަގީގަތުގައި މިއީ މުޖުތަމައުގައި ގިނަބައެކެވެ. އެމީހުން މިކަންކަން ހާމަ ނުކުރަނީއެވެ. އެހެންމީހުން ކައިރި ބުނެކިޔާ ނުހަދަނީއެވެ.