ރޭގެ މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި 800 ވަނަ ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން 3-2 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ބައްދަލުކުރި ހަތް މެޗުގެ ތެރެއިން އާސެނަލް އަތުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.
ރޭގެ ނަތީޖާއާއެކު އާސެނަލަށް މެޗު ކާމިޔާބުކޮށްގެން ހަތަރުވަނަ އަށް އަރަން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އާސެނަލް އޮތީ 23 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ޔުނައިޓެޑުން ރޭގެ މެޗުން މޮޅުވިނަމަވެސް 21 ޕޮއިންޓާއެކު ލިބިފައިވަނީ ހަތްވަނަ އެވެ. ތާވަލްގެ އެއްވަނައިގައި އުޅޭ ޗެލްސީ އަށް 33 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް 31 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 24 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އާސެނަލުންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ އެމީލް ސްމިތު ރޯވް އެވެ. އެވަގުތު ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އަށް އަނިޔާވެ ވެއްޓިފައި އޮއްވާ ސްމިތު ރޯވް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލުމުން ފުރަތަމަ އެ ލަނޑު ގަބޫލުނުކުރިއެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ މާޓިން އެޓްކިންސަން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނެޓަކަށްވެފައިވަނިކޮށް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. ފެނާންޑޭސް މިލަނޑުޖެހީ ފްރެޑް ދިން ޕާހަކުންނެވެ. ޔުނައިޓެޑުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ 52 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 800 ވަނަ ލަނޑެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން އާސެނަލްގެ ނޯވޭ މިޑްފީލްޑަރު މާޓިން އޮޑެގާޑް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.
މެޗު ނިމެން 20 މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑުން އަލުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑަށް އާސެނަލްގެ އޮޑެގާޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ އެޓްކިންސަން މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ބްރެންޓްފޯޑް އަތުން މޮޅުވެފައެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ބްރެންޓްފޯޑްގެ ސާޖިއޯ ކެނޯސް އަތުން ބައިކޮޅަށް ވަތް ލަނޑަކުން ޓޮޓެންހަމް ލީޑްނެގިއިރު، އެ ޓީމުގެ ދެވަނަ ލަނޑުޖެހީ 65 ވަނަ މިނެޓުގައި ސާޖިއޯ ރެގީލޯން ދިން ޕާހަކުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ.
މި މުބާރާތުގައި ދެން މެޗެއް ކުޅެވޭނީ މިމަހުގެ 4 ވާ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ރަށުން ބޭރުގައި ވެސްޓް ހޭމާ ދެކޮޅަށް ޗެލްސީ ނިކުންނައިރު، ދެވަނަ މެޗުގައި ލިވަޕޫލް ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ހަމަ އެ ދުވަހު މެންޗެސްޓާ ސިޓީ ނިކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.
