ފިނި ބުއިންތަކާއި ފިނި ކާއެެއްޗެހި ކެއުމަކީ ވަރަށްގިނަ މީހުންގެ އާދައެކެވެ. ނަމަވެސް ބައެއްމީހުންނަށް ފިނިި އެއްޗެއް ނުވަތަ ވަރަށް ފިނިއެއްޗެއް ކެވުމުން ނުވަތަ ބޮވުމުން ކުއްލިއަކަށް އެމީހުންގެ ބޮލުގައި ކުއްލި ރިހުމެއް ނުވަތަ ތަދެއް ވެއެވެ. މިއީ މާ ގިނަވަގުތަކު ހުންނަ ތަދެއް ނޫނެވެ. މަދު ސިކުންތުކޮޅެއް ތެރޭގައި މި ކުއްލި ތަދު ފިލައިގެން ހިނގައިދާނެއެވެ. ސިއްހީ ނަޒަރުން މިހާލަތަށް ނުވަތަ މި ތަދަށް "އައިސް ކްރީމް ހެޑޭކްސް" އޭ ކިޔައެވެ.

މިގޮތަށް ވާ ތަދުގެ ސިފަތައް ސިއްހީ މާހިރުން ފާގަކުރައްވާއިރު މިއީ ކުއްލި ގޮތަކަށް މުޅި ބޮލަށް ނޫނީ ބޮލުގެ ކުރިއަށް، ނިކަން ތޫނު އިހުސާސަކުން އިހުސާސްކުރުވާ ދަތެކެވެ. އަދި މި ތަދު ދެމިގެން ދާނީ ގާތްގަނޑަކަށް 20 ސިކުންތާއި 60 ސިކުންތާއި ދެމެދުގެ ވަގުތުކޮޅަކަށެވެ. އެންމެ ގިނަވެގެންވެސް ދެތިން މިނެޓު ތެރޭގައި މި ތަދު ފިލާނެއެވެ. އޭގެ ފަހުގައިވެސް ނުފިލާ ހުންނަ ނަމަ ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. އާންމުގޮތެއްގައި މި ކަމުގައި ޑަކްޓަރީ ފަރުވާއެއް ބޭނުމެއް ނުވެއެވެ. އެހެނީ މިއީ އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފިލައިގެންދާ ކަމަކަށް ވާތީއެވެ.

މިކަން މިހެން މެދުވެރިވަނީ އިންސާނާގެ ހަށިގަނޑު ކުއްލިގޮތަކަށް ފިނި އެއްޗަކަށް ނުވަތަ މާހައުލަކަށް ހުށަހެޅުމުންނެވެ. އެއްޗެއް ނުކައި ނުވަތަ ނުބޮއުނު ނަމަވެސް ފިނި މާހައުލަކަށް ހުށަހެޅުމުންވެސް މި ތަދު މިގޮތަށް ވެދާނެއެވެ. ޑަކްޓަރުންނަށްވެސް މިކަން ދިމާވާ ހަގީގީ ސާފު ސަބަބު އަދި ހޯދިފައި ނުވިނަމަވެސް ގިނަ ޑަކްޓަރުން އިއްތިފާގުވާ ކަމެއް އެބައޮތެވެ. އެއީ ފިނީގެ ސަބަބުން އަނގައާއި މޫނުގައި ހުންނަަ ކުދި ލޭނާރުތައް ހިމަވާގޮތް ވެއެވެ. ކުއްލިއަކަށް އެގޮތަށް ހުރިހާ ނާރުތަކެއް ހިމަ ވުމުން ސިކުނޑިއަށް ދާ މަސްހުނި މެސެޖުތަކުގެ ސަބަބުން މި ތަދު އިހުސާސް ކުރުވާގޮތްވެއެވެ.

މިއީ ކޮންމެ މީހަކަށްވެސް ދިމAވެދާނޭ ކަމެކެވެ. އެކި މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތުން އެކި މީހުންނަށް މީގެ އިހުސާސް ކުރެވޭ މިންވަރު ތަފާތު ވާނެއެވެ. މިކަމުން ރައްކާތެރި ވުމަށް އޮތް ގޮތަކީ އެފަދައިން ވާކަން އެނގޭނަމަ، ފިނި އެެއްޗެއްސާއި ދުރުވުމެވެ. ނުވަތަ ފިނި އެއްޗެހި ބޭނުން ކުރާއިރު، ލަސްލަހުން މަޑުމަޑުން ބޭނުން ކުރުމެވެ.

މިކަމަކީ އެެއްވެސް ހާލެއްގައި ސިއްހީ ނުރައްކާތެރިކަމެއް އޮތްކަމެއް ކަމަކަށް ސިއްހީ މާހިރުން ދެކިލައްވާ ކަމެއް ނޫނެވެ. ނަމަވެސް ތަދެއްވާނަމަ އެ ތަދެއް ކުރިމަތިކުރުވާ ކަންތައްތަކުން ދުރުވެ ހުރުން މުހިންމެވެ.