ހައިޕޯތައިރޮއިޑިސަމް އަކީ ދިވެހި މުޖުތަމައުގައި ވަރަށްވެސް އާންމު ބައްޔެކެވެ. ވަރަށް ގިނަ މީހުން ތަހައްމަލު ކުރާ ވޭނެކެވެ. ތައިރޮއިޑަށް އުމުރުދުވަހަށް، ދާއިމަށް ބޭސްކާ މީހުން އެހާމެ ގިނައެވެ. އެހެންކަމުން މި ބަލީގައި ވާނުވާ އާއި މި ބައްޔާއި ބެހޭގޮތުން ބައެއް އާންމު މައުލޫމާތު އެނގިފައި ހުރުން މުހިންމުވާނެއެވެ. އެގޮތުން މި ލިޔުމުގައި މިކަންކަމަށް ބަލައިލާނަމެވެ.
ތައިރޮއިޑަކީ ކޮކާލެއްގެ ބައްޓަމަށް އިންސާނާގެ ކަރުގައި، ނޭވާލާ ހޮޅީގެ ކުރިމަތީގައި އިންނަ ކުޑަ ގުނަވަނެކެވެ. ނުވަތަ ގްލޭންޑެކެވެ. ހައިޕޯތައިރޮއިޑިސަމް އަކީ އެ ގުނަވަނުން ނުވަތަ ގުލޭންޑުން އުފައްދާ ހޯމޯންތައް އޭގެ ހަމައަށް އުފައްދައި ނުދިނުމުން ކިޔާ ނަމެކެވެ. މިބަލީގެ ކުރީކޮޅު އެއްވެސްގޮތަކަށް މިކަން ފާހަގަ ނުކުރެވި ހިނގައިދާނެއެވެ. ނަމަވެސް މި ބަލި ހުރެ ގިނަ ދުވަސްވުމުން މި ބަލީގައި ދިމާވާ ކަންތައްތަކާއި އަލާމާތްތައް ފެންނަން ފަށާނެއެވެ.
މި ބަލީގެ އަލާމާތްތައް އެކި މީހުންގެ ތަފާތުވެދާނެއެވެ. އެހެނީ ތައިރޮއިޑު ގުލޭންޑަކީ ގިނަ ހޯމޯންތަކެއް އުފައްދާ ގުނަވަނެކެވެ. އެހެންކަމުން އުފެއްދުން މަދު ހޯމޯނަކާއި ގުޅޭގޮތުން އަލާމާތްތައް ފެންނާނެއެވެ. އެގޮތުން އެންމެ އާންމުކޮށް މިބަލީގައި ފެެންނަ އަލާމާތްތަކުގެ ތެރޭގައި އަވަހަށް ވަރުބަލިވުމާއި ބަރުދަން އިތުރުން ހިމެނެއެވެ. އެއާއި އެކު ފިންޏަށް ބަލިވުމާއި ބަނޑު ހިކުމާއި ހަންގަނޑު ކުރަކި ވުމާއި މޫނުމަތި ދުޅަވުން ހިމެނެއެވެ. މީގެ އިތުރުން ގައިގަ ރިހުމާއި ހުޅުހުޅުގައި ރިއްސުމާއި ގައިގެ މަސްތަކުގެ ބާރު ދެރަވުން ހިމެނެއެވެ. މައްސަރުކަންކަން ގަވައިދުން ދިމާނުވުމާއި މައްސަރުކަންތައް ދިމާވާއިރު ގިނައިން ލޭ އައުން ހިމެނެއެވެ. ހަނދާން ބަލިވުމާއި ހާސްވުމާއި ނުތަނަވަސްވުމަކީވެސް ވެދާނޭ ކަމެކެވެ. ހިތުގެ ހިނގުން ލަސްވުމާއި ކޮލެސްޓްރޯލުގެ މިންވަރު މަތިވުމާއި ކަރުގައި ރިއްސާ ކަރު ދުޅަވުމަކީ ދިމާވެދާނޭ ކަމެކެވެ.
ހައިޕޯތައިރޮއިޑިސަމް ދެނެގަނެވޭނީ އެކަމަކަށް ހާއްސަ ލޭގެ ޓެސްޓެއް ހެދުނުންނެވެ. މި ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރައްވާ ކަންތައްތަކުގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިކުރުވާ އެކިކަހަލަ ބަލިތަކާއި ތައިރޮއިޑުގެ އޮޕަރޭޝަންތަކާއި އަދި ރޭޑިއޭޝަން ތެރަޕީ ހިމެނެއެވެ. އަދި ބައެއް ބޭސްތަކުގެ ސަބަބުންވެސް މިކަން މިގޮތަށް ދިމާވެދާނެއެވެ. ބައެއް މީހުންނަކީ އުފަންވާ އިރުވެސް މި ބަލި ޖެހިފައި ހުންނަ މީހުންނެވެ. އަދި އަނެއްބައިމީހުންނަށް އެމީހުންގެ މާބަނޑުދުވަސްވަރު މިކަން ތަޖުރިބާ ކުރަން ޖެހިދާނެއެވެ. ސިކުނޑީގައި އިންނަ ޕިޓިއުޓަރީ ގްލޭންޑް ނަމަކަށް ކިޔާ ގްލޭންޑެއްގެ މަސައްކަތަށް އަރާ ބުރޫއެއްގެ ސަބަބުންވެސް މިބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ކެއުމުގައި ލޮނު މަދުވުމަކީވެސް ބައެއް ހާލަތްތަކުގައި މި ބަލި ޖެހޭ ސަބަބަކަށް ވެއެވެ. މީގެ އިތުރުންވެސް ކިތަންމެ ސަބަބެއް މިކަމަށް މެދުވެރި ކުރުވާނެއެވެ.
ކޮންމެ ބައްޔެއްވެސް ޖެހުމުގެ ފުރުސަތު ބޮޑު ބަޔަކު އުޅެއެވެ. އެގޮތުން ހައިޕޯތައިރޮއިޑިސަމް ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އަންހެނުން ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމުގެ ބައްޔެއް ހުންނަ މީހުން ހިމެނެއެވެ. ރޭޑިއޭޝަން ތެރަޕީ ނަގާ މީހުންނާއި ރޭޑިއޯ އެކްޓިވް އެއްޗެއްސަށް ހުށަހެޅޭ މީހުންނެވެ. އަދި މާބަނޑު މީހުންނަކީވެސް މި ލިސްޓުގައި ޑަކްޓަރުން ހިމަނާ ބައެކެވެ.
މި ބަލި ޖެހުމުން ރައްކާތެރިވުމަށް ކުރެވޭނޭ މާބޮޑު ކަމެއް ނުވަތަ ހާއްސަ ކަމެއް ނެތްކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ. ނަމަވެސް ދުޅަހެޔޮ ހަށިގަނޑެއް ލިބި ހުރުމަކީ ހަމަ ގައިމުވެސް މިފަދަ ބަލިތަކުން ދުރުކޮށްދޭނޭ ކަމެކެވެ. ހައިޕޯތައިރޮއިޑިސަމްއަށް އޮތް ފަރުވާއަކީ އެކަމަށް ހާއްސަ ކުރެވިފައިވާ ބޭސް ބޭނުންކުރުމެވެ. ބައެއް ފަހަރަށް ބޮޑުވަރުވުމުން އޮޕަރޭޝަންކޮށް ތައިރޮއިޑު އެއްކޮށް ނަގަންވެސް ޖެހިދާނެއެވެ. އޭގެ ފަހުގައި އޭނާއީ ގަވައިދުން ބޭސް ކައިގެން އުޅެން ޖެހިފައިވާ މީހެކެވެ. މިބަލިން ރައްކާތެރިވުމަށް ވަކި ހާއްސަ ކަމެއް ފާހަގަ ކުރައްވާފައި ނުވާތީ މިކަމުގައި މިބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން މިކަމަށް ސަމާލުކަންދިނުން މުހިންމެވެ.
