އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވަޓްފޯޑް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޗެލްސީ ބަލިވިއިރު ލިވަޕޫލުން ވަނީ ފަހުވަގުތު ވުލްވްސް އަތުން މޮޅުވެފައެވެ.
މި ނަތީޖާއާއެކު ސިޓީން ވަނީ ކުޅުނު 15 މެޗުން ހޯދީ 35 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި އޮތީ ކުރީން އެންމެ ކުރީގައި އޮތް ޗެލްސީ އެވެ. އެ ޓީމަށް 33 ޕޮއިންޓް ލިބިފައިވާއިރު، ވެސްޓް ހޭމް އޮތީ 27 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ވިކަރޭޖް ރޯޑްގައި މިރޭ ވަޓްފޯޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެލަނޑުޖެހިއެވެ. މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ފިލް ފޯޑެން ދިން ބޯޅައަކުން ސިޓީ އަށް ލީޑްނަގައިދިނީ ރަހީމް ސްޓާލިން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ސިޓީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ބެނާޑޯ ސިލްވާ އެވެ. ސިލްވާ މި ލަނޑުޖެހީ އިނގިރޭސި ފުލްބެކް ކައިލް ވޯކާ ދިން ބޯޅައަކުންނެވެ. ވަޓްފޯޑްގެ ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޗުޗޯ ހެނާންޑޭޒް އެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ޗެލްސީ އިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން މެނުއެލް ލަންޒީނީ ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފައެވެ. އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން މޭސަން މައުންޓް ވައްދާލި ހިތްގައިމު ލަނޑުން ޗެލްސީ ވަނީ ދެވަނަ ފަހަރަށް ލީޑްނަގާފައެވެ.
ވެސްޓް ހޭމުން ދެވަނަ ފަހަރަށް އެއްވަރުކުރީ 56 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ޖަރޮޑް ބޮވެން ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާތަރ މަސުއާކޫ ވަނީ ވެސްޓް ހޭމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލީގުގައި މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އޮރީގީ އެވެ. އޭނާ މިލަނޑުޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ދިން ބޯޅައަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑްނަގައިދޭން ސަލާހަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގައި ތިއާގޯ އަލްކަންތާރާ ފޮނުވާލި ބޯޅައެއް ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ގޯލްގެ ރޮނގުމަތީން ސަލާމަތްކުރިއިރު، އޭގެފަހުން ޑިއޯގޯ ޔޮޓާ އާއި ސަޑިއޯ މާނޭ އަދި ސަލާހު ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އެ ޓީމުގެ ގޯލްކީޕަރު ހޯސޭ ސާ އެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން ބާންލީ ބަލިކޮށްފައެވެ.
