ބުންޑެސްލީގާގައި މިރޭ ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް ބަޔާން މިއުނިކުން ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިރޭގެ މެޗުތަކަށްފަހު ބަޔާން އެއްވަނައިގައި އޮތީ 14 މެޗުން ހޯދީ 34 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޑޯޓްމަންޑެވެ. ތިންވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް 27 ޕޮއިންޓް ލިބިފައިވާއިރު، ހޮފެއިންހައިމް އޮތީ 23 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޑޯޓްމަންޑްގެ ދަނޑުގައި މިރޭ ކުޅުނު ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ހޫލިއަން ބްރެންޓް އެވެ. އެކަމަކު، އޭގެ ހަތަރު މިނެޓުފަހުން ބަޔާނުން އެއްވަރުކުރީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޑޯޓްމަންޑްގެ ތަޖުރިބާކާރު ޑިފެންޑަރު މެޓްސް ހަމެލްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ.

ބަޔާނުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ 44 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވައްދާލި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ޑޯޓްމަންޑަށް އެއްވަރުކޮށްދިނީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ.

މި މެޗުން ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީ އެވެ. މި ހާފުގެ ފަހުބައިގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމްނުޖެހުން ފާޅުކުރުމުން ޑޯޓްމަންޑްގެ ކޯޗު މާކޯ ރޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހޮފެންހައިމް 3-2 އިން އެއިންޓްރަކް ފްރެންކްފާޓް އަތުން މޮޅުވިއިރު، އޮއުސްބާގް އަތުން ރަށުން ބޭރުގައި ވީއެފްއެލް ބޯކަމް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ލެވަކޫސަނުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފޫރްތު ބަލިކުރިއިރު، އާމީނިއާ ބިލެފީލްޑްއާ ދެކޮޅަށް ކޮލޯން ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ވުލްފްސްބާގް އަތުން އަމިއްލަ ދަނޑުގައި މައިންޒް މޮޅުވީ 3-0 އިންނެވެ.