ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ރޭގެ ނަތީޖާއާއެކު ރެއާލުން އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން ހޯދީ 39 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ބެޓިސް އޮތީ 30 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި 14 މެޗުން ހޯދީ 29 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. ރޭ ބެޓިސް އަތުން ބަލިވި ގަދަފަދަ ބާސެލޯނާ އޮތީ 23 ޕޮއިންޓާއެކު ހަތްވަނައިގައެވެ.
ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފު ފެށިގެން 16 ވަނަ މިނެޓުގައި ރެއާލްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގައި ސޮސިއެޑާޑްގެ ސްވިޑެން ފޯވާޑް އަލެކްސެންޑަ އީސާކް ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ވަނީ ބްލޮކްކޮށްފައެވެ.
ރެއާލުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ސާބިއާގެ ލޫކަ ޔޯވިޗް ދިން ބޯޅައަކުން ވިނީޝަސް ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ. އޭގެ 10 މިނެޓުފަހުން، ރެއާލްގެ ދެވަނަ ލަނޑުޖެހީ ޔޯވިޗް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ދިން ޕާހަކުންނެވެ. ރެއާލްގެ ލީޑް ފުޅާކުރުމަށް މިލިޓާއޯ ދިން ޕާހަކުން ވިނީޝަސް ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ކީޕަރު އަލެކްސް ރެމީރޯ މަތަކުރިއެވެ.
ލީގުގައި ރޭ ބާސެލޯނާގެ ދަނޑުގައި ބެޓިސް އަތުން ބަލިވީ 1-0 އިންނެވެ. މިއީ އެ ޓީމުގެ އައު ކޯޗު ޒާވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބަލިވި ފުރަތަމަ ފަހަރެވެ. އޭގެކުރީން، ލީގުގައި ކުޅުނު ދެ މެޗުން މޮޅުވިއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާ ވަނީ އެއްވަރުވެފައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 79 ވަނަ މިނެޓުގައި ބެޓިސް އަށް ކާމިޔާބުކޮށްދިނީ ހުއާންމީ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި 1-0 އިން ވިޔަރެއާލް އަތުން ސެވިއްޔާ މޮޅުވިއިރު އެތުލެޓިކޯގެ ދަނޑުގައި ރެއާލް މަޔޯކާ އަތުން ބަލިވީ 2-1 އިންނެވެ.
