އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑްގެ އައު ކޯޗު ރަލްފް ރަންގްނިކްގެ ފުރަތަމަ މެޗުން އެ ޓީމު މޮޅަކާއެކު ފަށައިފިއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ކުޅުނު 15 މެޗުން ހޯދީ 24 ޕޮއިންޓާއެކު ހަވަނައަށް ޖެހިލާފައެވެ. މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި އުޅެނީ ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ކުރީން އެއްވަނައިގައި އޮތް ޗެލްސީ އަށް 33 ޕޮއިންޓާއެކު މިހާރު ލިބިފައިވަނީ ތިންވަނަ އެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޑޮމިނޭޓްކުރިއިރު، މި ހާފުގައި އެ ޓީމަށް ލީޑްނަގައިދޭން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޕެލަސްގެ ޑިފެންޑަރު މާކް ގޭހީ ބްލޮކްކުރިއެވެ. އަދި އޭގެފަހުން، ރޮނާލްޑޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ޕެލަސްގެ ކީޕަރު ވިސެންޓޭ ގުއައިޓާ މަތަކުރިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 77 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް މޭސަން ގްރީންވުޑް ދިން ބޯޅައަކުން ފްރެޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ޕެލަސް އަށް ލީޑްނަގައިދޭން ޖޯޑަން އަޔޫ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ނޯވިޗް ސިޓީ ބަލިކޮށް ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ލޫކަސް މޯރާ އެވެ. ޓޮޓެންހަމްގެ އަނެއް ދެލަނޑުޖެހީ ފަހު ހާފުގައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޑޭވިންސަން ސަންޗޭޒްގެ ގޯލުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައިވަނިކޮށް، އެ ޓީމުގެ ތިންވަނަ ލަނޑު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ.

މި މުބާރާތުގައި މިރޭ ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ފަހުވަގުތު ޕެޓްރިކް ބެމްފޯޑް ވައްދާލި ލަނޑާއެކު އެ ޓީމުން ވަނީ ބްރެންޓްފޯޑް އަތުން ބަލިނުވެ ސަލާމަތްވެފައެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ރަފީނިއާ ދިން ބޯޅައަކުން ޓައިލާ ރޮބަޓްސް ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަނަ މިނެޓުގައި ބްރެންޓްފޯޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ޝަންޑޯން ބަޕްޓިސްޓޭ އެވެ. އަދި އޭގެ ހަތް މިނެޓުފަހުން، ސާޖީ ކޭނޯސް ވަނީ ބްރެންޓްފޯޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މި ނަތީޖާގައި އޮވެގެން މެޗު ނިމެން ދަނިކޮށް، އިތުރުވަގުތުގައި ލީޑްސް އަށް ޕޮއިންޓެއް ހޯދައިދިނީ އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި ބެމްފޯޑް އެވެ.