އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ޖެނޯއާ ބަލިކޮށް ޔުވެންޓަސް އިން ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 1-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު ޔުވެންޓަސް އޮތީ މިހާތަނަށް ކުޅުނު 16 މެޗުން ހޯދީ 27 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ލީގުގެ އެންމެ ކުރީގައި އުޅޭ އޭސީ މިލާނަށް 16 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަ އެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 36 ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އޮތީ 34 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަ ވަނަ މިނިޓުގައި ޔުވެންޓަސް އިން ލީޑު ނެގީ ކޮލަމްބިއާގެ ވިންގާ ހުއާން ކުއަޑްރާޑޯ ކާމިޔާބުކުރި ގޯލުންނެވެ. ޔުވެންޓަސް އަށް ލިބުނު ކޯނަރަކުން ކުއަޑްރާޑޯ ހުރަސްކޮށްލި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މި ގޯލާއެކު ކުއަޑްރާޑޯ ވަނީ މިދިޔަ 11 އަހަރުގެ ތެރޭގައި އިޓާލިއަން ލީގުގައި ކޯނަރަކުން ލަނޑުޖެހި 8 ވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނެނީ އެންޓޯނިއޯ ޑި ނަޓާލޭ، މާކޯ ރިގޯނީ، ޕާޕޫ ގޯމޭޒް، ރޮޑްރިގޯ ޑެ ޕޯލް، ހޯސޭ ކަލެހޯން އެރިކް ޕުލްގާ އަދި ހަކާން ޗައަނޮގްލޫ އެވެ.
މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު، 82 ވަނަ މިނިޓުގައި ޖަހައިދިނީ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެވެ. މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. ޔުވެންޓަސް އިން މިލަނޑުޖެހުމުގެ ކުރީން، އެ ޓީމުގެ މަތައިސް ޑި ލިޓް އާއި އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ލީގުގައި ރޭ ބޮލޯނިއާގެ ދަނޑުގައި 3-2 އިން ފިއޮރެންޓީނާ މޮޅުވިއިރު، ހެލަސް ވެރޯނާ އިން ރަށުން ބޭރުގައި ވެނެޒިއާ ބަލިކުރީ 4-3 އިންނެވެ. ސަމްޕްޑޯރިއާ އަތުން ލާޒިއޯ މޮޅުވީ 3-1 އިންނެވެ.
