ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އޭސީ މިލާން ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހަ މެޗުން މޮޅުވި ހަމައެކަނި އިނގިރޭސި ކްލަބުގެ ޝަރަފު ހޯދިއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ ޕޯޓޯ އަތުން ހޯދީ މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މިލާންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-1 އިންނެވެ. މި ގްރޫޕުގައި ހިމެނޭ އެތުލެޓިކޯ އިން ރަށުން ބޭރުގައި ޕޯޓޯގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ލިވަޕޫލުން ގްރޫޕު އޭ ގެ އެއްވަނައިގައި އޮވެ ދެވަނަ ބުރާއި ކުރިމަތިލާއިރު، އެ ޓީމުން ވަނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ހުރިހާ މެޗެއް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޕޯޓޯ އެވެ. އެ ޓީމަށް ވަނީ ޔުރޮޕާ ލީގުން ފުރުޞަތު ލިބިފައެވެ. މި ގްރޫޕުގެ އެންމެ ފުލަށް ދިޔަ މިލާނަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ މިލާނުންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ފިކާޔޯ ޓޮމޯރީ އެވެ. އޭގެ 8 މިނެޓުފަހުން ލިވަޕޫލަށް އެއްވަރުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން ފޮނުވާލި ހަމަލާއެއް މިލާންގެ ކީޕަރު މައިކް މައިނަން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސަލާހަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމަން (ކ) ޕޯޓޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ

ލިވަޕޫލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. މިއީ އޮރީގީ ޖެހިޖެހިގެން ލަނޑުޖެހި ދެވަނަ މެޗެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ގޯލު ޖެހި ފަހުން ޗެމްޕިއަންސް ލީގުގައި އޮރީގީގެ ފުރަތަމަ ގޯލެވެ.

ޕޯޓޯގެ ދަނޑުގައި ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ލީޑްނެގީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، އޭގެ 11 މިނެޓުފަހުން އެ ޓީމުގެ ފޯވާޑް ޔަނިކް ފެރެއިރާ ކަރަސްކޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައިވާއިރު، އޭގެފަހުން މެޗުގެ 70 އާއި 75 ވަނަ މިނެޓުގައި ޕޯޓޯގެ ވެންޑެލް އާއި ބެންޗުގައި އިން އެ ޓީމުގެ އޮގަސްޓިން މާޗެސިން އަށް ވެސް ސީދާ ރަތެއް ދައްކާފައިވެއެވެ.

އެތުލެޓިކޯގެ ދެވަނަ ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި ގްރީޒްމަން ދިން ބޯޅައަކުން އެންހެލް ކޮރޭއާ ކާމިޔާބުކުރިއިރު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ސާޖިއޯ އޮލިވޭރާ ވަނީ ލިބުނު ޕެނަލްޓީއަކުން ޕޯޓޯ އަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖު ނިންމާލި އަޔެކްސް އެމްސްޓެޑަމުން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ސްޕޯޓިން ލިޒްބަން ބަލިކޮށްފައެވެ. މި މެޗުގައި އަޔެކްސް އަށް ލަނޑުޖަހައިދިން ސެބަސްޓިއަން އަލާ ވަނީ ގްރޫޕް ސްޓޭޖުގައި 10 ގޯލް ހަމަކޮށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ އެއްވަރުކޮށްފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އެންތޮނީ އާއި ޑޭވިޑް ނެރޭސް އަދި ސްޓީވެން ބާގުއިސް އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ތުރުކީގެ ބެސިކްޓާސް ބަލިކޮށްފައެވެ. ޑޯޓްމަންޑުން މި މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން، މާކޯ ރެއުސް އާއި އާލިން ބްރައުޓް ހާލަންޑް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އަނެއް ގޯލް ޖަހައިދިނީ ޑޮންޔެލް މަލެން އެވެ.