ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕިއެސްޖީ މޮޅުވިއިރު އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ ޖެހި ގޯލާއެކު ރެކޯޑެއް ގާއިމްކުރިއިރު، އިންޓަ މިލާން ބަލިކޮށް ރެއާލް މެޑްރިޑުން ވަނީ ތާވަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ޕީއެސްޖީގެ ދަނޑުގައި 4-1 ގެ ތަފާތަކުން ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން މޮޅުވިއިރު، ރެއާލްގެ ދަނޑުގައި އިންޓަ އަތުން އެ ޓީމު މޮޅުވީ 2-0 އިންނެވެ.

ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ދެލަނޑުޖަހައިދީފައެވެ. މި ދެ ގޯލާއެކު އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 31 ލަނޑުޖަހާފައެވެ. އަދި މިއާއެކު، އެމްބާޕޭ ވަނީ އެ މުބާރާތުގައި 30 ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު، އެމްބާޕޭގެ އުމުރަކީ 22 އަހަރާއި 352 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ 23 އަހަރާއި 131 ދުވަހުން 30 ގޯލު ހަމަކުރި ލިއޮނަލް މެސީ އަތުގައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން މެސީ ވަނީ ޕީއެސްޖީ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެމްބާޕޭ އެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ބްރޫޖްގެ މެޓް ރިޓްސް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް މެސީ ވަނީ ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީގެ ތިން ލަނޑުގެ ލީޑް ދަމަހައްޓާފައެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މެސީ ޖެހި ފަސްވަނަ ލަނޑެވެ. މިއާއެކު، މި މުބާރާތުގައި މެސީ މިހާތަނަށް ޖެހި ގޯލްގެ އަދަދު ވަނީ 125 އަށް އަރާފައެވެ.

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް (ކ) އިންޓަގެ ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލަނީ. --ފޮޓޯ: ޔުއެފާ

މި ގްރޫޕުގައި ހިމެނޭ މެންޗެސްޓާ ސިޓީން ރޭ ރަށުން ބޭރުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1 އިންނެވެ. މި ނަތީޖާއާއެކު ވެސް ސިޓީ އަށް ގްރޫޕުގެ އެއްވަނަ ލިބުނީ 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އަށް 11 ޕޮއިންޓް ލިބިފައިވާއިރު، ލީޕްޒިގު ދިޔައީ ހަތް ޕޮއިންޓާއެކު ތިންވަނަ އަށެވެ. އެންމެ ފުލުގައި އޮތް ބްރޫޖަށް ލިބުނީ ހަތަރު ޕޮއިންޓެވެ. 

ރޭގެ މެޗު ފެށިގެން 24 ވަނަ މިނެޓުގައި ލީޕްޒިގުން ލީޑްނެގީ ހަންގޭރީގެ ޑޮމިނިކް ސޮބޯޒްލާއި ކާމިޔާބުކުރި ގޯލުންނެވެ. މި ނަތީޖާގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް އަންދްރޭ ސިލްވާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެ ފަސް މިނެޓުފަހުން، ސިޓީގެ ރިޔާދް މާރޭޒް ވަނީ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ އިނގިރޭސި ފުލްބެކް ކައިލް ވޯކާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ފަހު ބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ވޯކާ އަށް ރަތް ކާޑު ދެއްކީ ސިލްވާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މުބާރާތުގެ ގްރޫޕް ޑީ ގައި ހިމެނޭ ރެއާލާއި އިންޓަ އިން ރޭގެ މެޗަށް ނިކުތްއިރު ވެސް ދެ ޓީމު ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، މެޗު ކާމިޔާބުކުރާ ޓީމަކަށް އެއްވަނަ މަގާމަށް އެރުމުގެ ފުރުޞަތު އޮތީ ހުޅުވިފައެވެ. ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ރެއާލުން ކާމިޔާބުކުރި 1،000 ވަނަ ގޯލެވެ. މިހާތަނަށްއައިއިރު މި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ޓީމަކީ ވެސް ރެއާލެވެ. މި މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ވިންގާ މާކޯ އަސެންސިއޯ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި އިންޓަގެ އިޓަލީ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ޔޫކްރޭންގައި ޝާހުތަރު ޑޮނެސްކާ ދެކޮޅަށް މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ފެނާންޑޯ ވައްދާލި ލަނޑުން ޝަހުތަރު ލީޑްނަގާފައިވަނިކޮށް، މެޗުގެ އިތުރުވަގުތުގައި ޝެރިފަށް އެއްވަރުކޮށްދިނީ ބޮބާން ނިކޮލޯވް އެވެ.