ޖިންސީ އަނިޔާއަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ. އަނިޔާވެރި ރޭޕް ކޭސްތައްވެސް އެގައުމުގައި ވަރަށްވެސް ގިނައެވެ. އެގައުމުގައި ޖިންސީ އަނިޔާތަކާއި ބެހޭގޮތުން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި މައުލޫމާތު ހިއްސާކުރަމުން، އެ ގައުމުގެ ދެކުނުގެ ސަރަހަައްދަކަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަންހެންކުއްޖަކު ބުނެފައިވަނީ، އޭނާގެ ހަޔާތުގައި 100 އެތައް ފަހަރަކު ރޭޕްކޮށްފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާއަކީ އަޅާލާނޭ މީހަކު ނެތުމުގެ ސަބަބުން މަގުމަތިވެފައިވާ އަންހެން ކުއްޖެއްކަމަށެވެ. އަދި އެކުއްޖާ އަކީ މަގުމަތީގައި ނިދާ، ސަލާންޖަހަން އުޅޭ ކުއްޖެކެވެ.
އިންޑިޔާ ޗައިލްޑް ވެލްފެއަރ ކޮމިޓީއަށް އެކުއްޖާ މައުލޫމާތު ދެމުން ބުނެފައިވަނީ މަގުމަތީގައި ނިދަން ޖެހުމަކީ ބިރުވެރި ކަމެއް ކަމަށެވެ. މަގުމަތީގައި ނިދާފައި އޮންނަ އިރު ބޮޑެތި ފިރިހެނުން އައިސް ބޭނުން އެއްޗެއް ހަދާފައި ދާކަމަށާއި އެހީއަށް އެދި ގޮވުމެކޭ ނުގޮވުމެކޭ ތަފާތެއް ނެތް ކަމަށެވެ. އެ ކުއްޖާ ދިން މައުލޫމާތު ތަކުގައި ފާހަގަކޮށްފައިވާ އަނެއް ހައިރާން ކުރުވަނިވި ކަމަކީ އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ދެ ފުލުހަކަށްވެސް އެކުއްޖާ ކުރުމެވެ. އަދި މިހާތަނަށް އައިއިރު އެއްވެސް ފަހަރަކު މާބަނޑު ނުވާ ކަމަށްވެސް އެކުއްޖާ ވަނީ ކިޔައިދީފައެވެ.
އެކުއްޖާގެ މިވާހަކަތައް ކިޔައިދިނުމުން އެ ކޮމިޓީއިން ވަނީ އިތުރަށް މިކަން ބެލުމުގެ މަސައްކަތް ފަށާފައެވެ. އަދި ފުލުހުންނާއި ގުޅިގެން އެ ކުއްޖާ އެ ދެއްކި ވާހަކަތައް ކަށަވަރު ކުރެވޭނޭ ގޮތެއް ފެނޭތޯވެސް ދަނީ ބަލަމުންނެވެ. އެ ކޮމިޓީއިން ހާމަ ކުރާގޮތުގައި މި ޕްރޮގުރާމުގެ ތެރެއިން މިފަދަ އެތައް ހިތާމަވެރި އަސަރުގަދަ ވާހަކަތަކެއް އަދި ފެންނާނެކަމަށް ލަފާކުރެވެއެވެ.
އިންޑިޔާއަކީ ރޭޕްގެ މައްސަލަތަކާއި ޖިންސީ އަނިޔާއާއި ފުރައްސާރަ ބޮޑު ގައުމެކެވެ.
