ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކްގެ ދަނޑުގައި 3-0 އިން ބަލިވެ، ސްޕެއިނުގެ ބާސެލޯނާ އެ މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް ކަޓައިފިއެވެ.

މިއީ ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ނޮކްއައުޓް ބުރަށް ނުގޮސް ބާސެލޯނާ އެންމެ ފަހުން ކެޓީ 2000/2001 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި އޭގެފަހުން، 2003/2004 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު އަނެއް ބުރުގެ ޖާގައެއް ލިބެން އޮތީ ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ބަޔާން ބަލިކޮށްގެންނެވެ. އެހެންކަމުން، ބާސެލޯނާ އިން ރޭގެ މެޗު ފެށިގެން ކުޅެމުންދިޔައީ ވަރަށް ބޮޑު ޕްރެޝަރެއްގައި އޮވެގެންނެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ދެލަނޑުޖަހާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބަޔާނުން ލީޑްނެގީ ތޯމަސް މުލާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް މުލާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ބަޔާންގެ ދެވަނަ ލަނޑުޖެހީ ޖަރުމަނުގެ ވިންގާ ލެރޯއީ ސާނޭ އެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 30 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ސާނޭ ކާމިޔާބުކުރި ގޯލެކެވެ.

ބަޔާނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ކެނެޑާގެ ފުލްބެކް އަލްފޮންސޯ ޑޭވިސް އެވެ. ބާސެލޯނާ އަށް ލީޑްނަގައިދޭން ލިބުނު ފުރުޞަތުގައި ޖޯޑީ އަލްބާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ އެވެ. އަދި އޭގެފަހުން، ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޕޯޗުގަލްގެ ބެންފީކާގެ ދަނޑުގައި 2-0 އިން ޔޫކްރޭންގެ ޑިނަމޯ ކިއޭވް ބަލިކޮށް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ރޭގެ މެޗުތަކަށްފަހު ގްރޫޕުގެ އެއްވަނައިގައި ބަޔާން އޮތީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ދެވަނައިގައި އޮތް ބެންފީކާ އަށް 8 ޕޮއިންޓް ލިބިފައިވާއިރު، ހަތް ޕޮއިންޓާއެކު ބާސެލޯނާ އަށް ލިބުނީ ތިންވަނަ އެވެ. މިއާއެކު، އެ ޓީމަށް ވަނީ ޔުރޮޕާ ލީގުން ފުރުޞަތުން ލިބިފައެވެ. އެންމެ ފުލަށް ދިޔަ ޑިނަމޯ ކިއޭވަށް ލިބުނީ އެއް ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ޖީގައި ހިމެނޭ ފްރާންސްގެ ލިއްލެ ވަނީ ރަށުން ބޭރުގައި 3-1 އިން ޖަރުމަނުގެ ވުލްފްސްބާގް ބަލިކޮށް އެ ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފައެވެ. މި ގްރޫޕުން ދެވަނަ އަށް ދިޔައީ އޮސްޓްރިއާގެ އާރްބީ ސަލްޒްބާގެވެ. އެ ޓީމުން ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ. މި މެޗުން ބަލިވުމާއެކު ސެވިއްޔާ ވަނީ ތިންވަނަ މަގާމާއެކު ޔުރޮޕާ ލީގަށް ކޮލިފައިވެފައެވެ.