ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަޝިޔާގެ ޒެނިތު ޕީޓާސްބާގާ އެއްވަރުވެ ޗެލްސީ އަށް ގްރޫޕުގެ އެއްވަނަ މަގާމު ގެއްލުނުއިރު، މެންޗެސްޓާ ޔުނައިޓެޑަށް ޔަންގް ބޯއީސް ކައިރިން ސަލާމަތެއްނުވެވުނެވެ.
ޒެނިތުގެ ދަނޑުގައި ޗެލްސީން ކުޅުނު މެޗު 3-3 އިން ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ޒުވާން ޓީމަކާއެކު ނިކުމެ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 1-1 އިން ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ އެއްވަރުވެފައެވެ.
ޕީޓާސްބާގުގައި ހުންނަ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ކުރީން ލީޑްނެގީ ވެސް ޗެލްސީންނެވެ. ދެވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރީން ޒެނިތުން ވަނީ ދެލަނޑުޖަހައި، ލީޑެއް ނަގާފައެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، 38 ވަނަ މިނެޓުގައި ކްލައުޑީނިއޯ ކާމިޔާބުކުރިއިރު އޭގެ ތިން މިނެޓުފަހުން ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ސަރްދާރް އަޒްމޫން އެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ޗެލްސީ އަށް އެއްވަރުކޮށްދީފައެވެ. އަދި އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ވާނާ ވައްދާލި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް މެޗުގެ އިތުރުވަގުތުގައި މަގޯމެޑް އޮޒްޑޯއޭވް ވަނީ ޒެނިތަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ ޔުވެންޓަސް އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސްވިޑެންގެ މަލްމޯ ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އިޓަލީގެ ފޯވާޑް މޮއިސޭ ކީން އެވެ. މިއާއެކު، ޔުވެންޓަސް އަށް ކުޅުނު ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ އަށް ދިޔަ ޗެލްސީ އަށް ލިބުނީ 13 ޕޮއިންޓެވެ. ޒެނިތަށް ތިންވަނަ ލިބުނީ ފަސް ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮވެ ނިންމާލި މަލްމޯ އަށް ލިބުނީ އެއް ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑްނެގީ މޭސަން ގްރީންވުޑް ކާމިޔާބުކުރި ރީތި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރީން ފަބިއަން ރެއިޑާ ވަނީ ޔަންގް ބޯއީސް އަށް އެއްވަރުކޮށްދީފައެވެ. މި މެޗަށް ޔުނައިޓެޑް ނިކުތްއިރު ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުވެފައިވާތީވެ، އެ ޓީމުން ނިކުތީ ބަދަލުތަކާއެކު އެވެ. އެގޮތުން، ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ކުޅެފައެއްނުވެއެވެ.
ޔުނައިޓެޑުން ގްރޫޕް އެފްގެ އެއްވަނަ ހޯދީ ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ދެ ވަނަ އަށް ދާ ޓީމެއް އެނގޭނީ މިރޭ ސްޕެއިނުގެ ވިޔަރެެއާލާއި ދެކޮޅަށް އިޓަލީގެ އެޓަލަންޓާ ކުޅޭ މެޗަށް ފަހު އެވެ. މިވަގުތު ހަތް ޕޮއިންޓާ އެކު ވިޔަރެއާލް ދެވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެޓަލަންޓާ އެވެ. އެންމެ ފުލުގައި އޮތް ޔަންގް ބޯއީސް އަށް ލިބުނީ ފަސް ޕޮއިންޓެވެ.
