ކުޑަކުދިންނަށް ދިމައިވާ އެކި އެކި މައްސަލަތަކުގެ ތެރެއިން އޭ.ޑީ.އެޗް.ޑީ (އެޓެންޝަން ޑެފިސިޓް/ ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ) އަކީ ގިނަ ފަހަރަށް އަޅާލެވޭ ކަމަކަށް ނުވެއެވެ. އެފަދަ ކުދިންނަށް އެއީ ލާނެތް، ހަލަނި، ނުވަތަ ވިޔާނުދާ ކުއްޖެކޭ ބުނެ ގިނަފަހަރަށް ދޫކޮށްލެވެއެވެ. އެހެން އެކަން ދިމައިވަނީ މި ހާލަތަކީ ޑަކްޓަރަކަށް ދައްކައިގެން ނޫނީ ދެނެގަންނަން ވަރަށް އުނދަގޫ ހާލަތެކެވެ. އޭ.ޑީ.އެޗް.ޑީ އަކީ ކުޑަކުއްޖާއަށް ކުރިމަތިވާ ވަރަށްގިނަ ކަންތައްތަކެއް މަސްހުނިކޮށް ކިޔާއުޅޭ ނަމެކެވެ. މިއީ އެކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ކަމެކެވެ. މިކަމުގައި ކުއްޖާއަށް ކަންކަމަށް ސަމާލުކަން ނުދެވުމާއި، ކެތްތެރިކަން ނުހުރުމާއި، އިންތިހާއަށް ހެލިފެލިވެ އުޅުމާއި އަދި ދެވޭ ނަސޭހަތްތައް ގަބޫލު ނުކުރެވުން ހިމެނެއެވެ. އާދޭހެވެ! މިއީ ވިޔާނުދާ ކުދިންގެ އުޅުމެކެވެ. އެހެނަސް މިއީ ކުޑަކުއްޖާއަށް ކުރިމަތިވާ ނަފްސާނީ ބައްޔެއް ނުވަތަ ހާލަތަކަށްވެސް ވެދާނެއެވެ. އޭ.ޑީ.އެޗް.ޑީ އަކީ ހަމައެކަނި ކުޑަކުދިންނަށް ދިމައިވާ ކަމެއް ނޫނެވެ. ނަމަވެސް އާންމު ހާލަތަކީ ކުޑަކުއްޖާގެ ފަރާތުން މިކަން ފެނި، އެ ކުއްޖާ ބޮޑުވަމުންދާ ވަރަކަށް މަޑުމަޑުން މިކަން ހަމައަކަށް އެޅެއެވެ. ބައެއްފަހަރު މުޅިން ރަނގަޅުނުވެވެސް ހުރެދާނެއެވެ.
އޭ.ޑީ.އެޗް.ޑީ ކުރިމަތިވަނީ ވަކި ކޮން ސަބަބަކާއި ހުރެކަން ސިއްހީ މާހިރުންނަށްވެސް ބުނަން ދައްޗެވެ. ނަމަވެސް އެނގޭ އެއްކަމަކީ އެއީ ޖެނެޓިކްސްގެ ސަބަބުން ދިމާވާ ކަމެކެވެ. މިކަން ހުންނަ ކުދިންނަށް ނަސޭހަތް ދިނުމަށް އެކުދިންގެ ބެލެނިވެރިނަށް ވަރަށް އުނދަގޫވެއެވެ. އެކުދިން ލައްވާ ކަންކަން ކުރުވުމަށާއި ވިސްނައިދޭން އެހާމެ ދަތިވެއެވެ. އެކުދިން ކިޔަމަންކުރަން އަމުދުން އުނދަގޫވެއެވެ. މިފަދަ ކުދިންގެ ބެލެނިވެރިން އެމީހުންގެ ދަރިން ތަރުބިއްޔަތުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ބައެއްކަންކަން އެބަހުއްޓެވެ.
މިކަންކަން ތަހައްމަލު ކުރަމުންދާ ކުއްޖާއަށް ތަރުބިއްޔަތު ދިނުމުގައި އެކުއްޖާގެ ނަފްސަަށް އުފާވެރިކަން އިހުސާސްކޮށްދޭން ޖެހޭނެއެވެ. އެގޮތުން އެކުއްޖާ ކުރާ ކިތަންމެ ކުޑަނަމަވެސް ރަނގަޅުކަމެއްނަމަ އެކަމަށް ތައުރީފު ކުރަންވާނެއެވެ. ތައުރީފު ކުރުމާއި އެކު ހިނިތުންވެ އެކުދިންގެ ގައިގައި ލޯބިން ބައްދާލަންވާނެއެވެ. މިކަންކަމުގެ ސަބަބުން އެ ކުއްޖާއަށް އެ ކުރެވުނު ކަންތައް ދެވަނަ ފަހަރަށްވެސް ކުރުމުގެ ޝައުގު އެ ކުއްޖާގެ ހިތުގައި އުފެދޭނެއެވެ. އެކުދިންގެ ކިބައިގައި ކޮންމެވެސް ހުނަރެއް ނުވަތަ އެކުދިން ކުރާހިތްވާ ކޮންމެވެސް ރަނގަޅުކަމެއް ވާނޭކަން ޔަގީނެވެ. މައިންބަފައިން އެކުދިންގެ އެ ހުނަރު ނުވަތަ އެ އާދައެއް ދެނެގަނެ އެކަމުގައި އެކުއްޖާ މަސްއޫލު ކުރެވިދާނެއެވެ. އެހެނީ އެކަމަކީ އެކުއްޖާގެ އަމިއްލަ ނަފްސު ދެކެ އެކުއްޖާ ލޯބިވާން ދަސްކުރާނޭ ކަމެކެވެ. އެފަދަ ކުދިންނަށް ކަންކަން ކިޔައިދީ ބުނެދޭއިރު، އެއްފަހަރާ ގިނަ ކަންތައްތައް ބުނެދިނުމުގެ ބަދަލުގައި ކޮންމެވެސް އެއްކަމެއްގެ ވާހަކަ ބުނެދީ ދަސްކޮށްދޭށެވެ. އަދި އެކުދިންނަށް ފަސޭހައިން އެނގޭނޭހެން ވިހާވެސް ކުރުކޮށް ބުނެދިނުން މުހިންމެވެ. އެހެނީ އެކުދިންގެ ސަމާލުކަން ދިނުން ކުޑަވުމާއި ދޭހަ ކުރުންވެސް ކޮށިވާނެތީއެވެ.
އޭ.ޑީ.އެޗް.ޑީ ހުންނަ ކުއްޖަކު ގޮވައިގެން މައިންބަފައިން އުޅޭ އިރު، އެކުދިން އެކަންކަމެއް ދެކެ ފޫހިވާ ނުވަތަ ގަޔާ ނުވާ ކަންކަމުގައި އެކުދިންނާއި އެކު މާގިނަ ވަގުތު ހޭދަނުކުރާށެވެ. އެހެނީ އޭގެ ސަބަބުން އެކުއްޖާގެ ހިތްނުތަނަސްވުމާއެކު ހިމޭނުން ނުހުރެވޭގޮތް ދިމައިވާނެއެވެ. އާދޭހެވެ! މިފަދަ ކުދިންނަކީ ވަރަށް ޝަކުވާވެސް ގިނަ ކުދިންނެވެ. އެވެނި މިވެނި ކަނެއް ނުވަތަ އެއްޗެއް ބޭނުންވެގެން އެކަމާ ވިޔަރިއަޅާފާނެއެވެ. އެހެންކަމުން އެކުދިން އެ ބޭނުންވާ ކަމެއް ކޮށްދެވެއެވެ. ފަހަރުގައި އެއީ އެކުއްޖާއަށް އެވަގުތަށް އެންމެ ރަނަގަޅު ގޮތްކަމުގައި ވެދާނެއެވެ. ނަމަވެސް އެކުއްޖާ އެފަދައިން ވިޔަރިއަޅާ ކޮންމެ ފަހަރަކު އެކުއްޖާ އެ ބޭނުންވާކަމެއް ކޮށްދިނުމަކީ މިކަމުން އެކުއްޖާ ސަލާމަތްވާން އޮތްމަގު ހަނިވާނޭ ކަމެކެވެ. އެހެނީ އޭރުން ކަމަކަށް ބޭނުންވުމުން ވިޔަރިއެޅުމަކީ އާދައެއް ކަމަށް އެކުދިންނަށް ގަބޫލުކުރެވޭނެއެވެ. އެފަދަ ހާލަތެއްގައި މައިންބަފައިންނަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމަކީ އެކުއްޖާގެ ޝައުގުވެރިކަން ހުންނަ އެހެންކަމަކަށް އެކުއްޖާ އަނބުރާލުމެވެ.
މުޖުތަމައުގެ ތެރެއަށް ނެރެ، ގިނަ މީހުންނާއި ބައްދަލުވެ ގުދުރަތީ މާހައުލުތައް ފެނިދެނިވުމަކީ އެފަދަކުދިންނަށް ދެވޭނޭ ވަރަށްވެސް މޮޅު ފަރުވާއެކެވެ. ނަމަވެސް މިކަންކަމުގައިވެސް ހައްދަކާއި އިމެއް އޮންނަންވާނެއެވެ. ނޫންނަމަ މިއީވެސް ހާލަތުގޯސްވެދާނޭ ކަމެކެވެ. އެކުދިންނާއި އެކު އެކުދިން ކުރާ ކޮންމެވެސް ރަނގަޅުކަމެއްގައި މައިންބަފައިން ބައިވެރިވުންވެސް ވަރަށް ރަނގަޅެވެ. މިފަދައިން އެންމެ ފަސޭހައިން ކުރެވޭނޭ ކަމަކީ އެކުދިންނާއި އެކު މައިންބަފައިންވެސް ކެއުމެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ އާދަތަކެއް ވާކަމާއި ކަމުގެ އާޖުފާޖު އެކުދިންނަށް އެނގެން ފަށާނެއެވެ.
ކޮންމެ ކުއްޖެއްގެވެސް މަންމަ އަކާއި ބައްޕައެއްވާނެއެވެ. ނުވަތަ ބެލެނިވެރިން ތިބޭނެއެވެ. އެހެންކަމުން އެފަދަ ކުދިންނާއި އެކު މައިންބަފައިން ނުވަތަ ބެލެނިވެރިން ވަގުތު ހޭދަކުރާންޖެހޭ ވަގުތު އިތުރުކުރަންވާނެއެވެ. އެ ކުއްޖާގެ އެ ކުޑައާއިލާ ފުރިހަމަވެ ވަގުތުތަކެއް ހޭދަކުރެވޭން ޖެހޭނެއެވެ. މިކަމުގެ ސަބަބުން އާއިލީ ގުޅުމާއި ލޯތްބަކީ ވާއެއްޗެކަމާއި އިހްތިރާމް ކުރުމަކީ އޮތްކަމެއްކަން އެކުދިންނަށް ދެނެގަންނަން ފަސޭހަވާނެއެވެ.
މިދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ކުރެވިދާނޭ ހަރުދަނާ ކަންކަން ހުރެދާނެއެވެ. ކޮންމެ މައިންބަފަޔަކުވެސް ވިސްނާންވީ ކަމަކީ އޭ.ޑީ.އެޗް.ޑީ އަކީ ކުޑަކުދިންނަށް ދިމާވާ ނަފްސާނީ ކަމެއް ކަމުގައެވެ. މިއީ ފަރުވާވެސް ކުރެވޭ ކަމެއް ކަމުގައެވެ. އެފަދަ މިޒާޖު ހުންނަ ހުރިހާ ކުދިންނަކީ ވިޔާނުދާ ކުދިންކަމުގައި ދެކި އެކުދިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ނުދީ ތިބެގެން ނުވާނޭކަމެވެ. އެކުދިންނަށް ހާއްސަ އަޅާލުމާއި އޯގާތެރިކަން ބޭނުންވާނޭ ކަމުގައެވެ. މިކަންކަމާއި ވިސްނާ، ހެޔޮވިސްނުން އިސްކޮަށްފިނަމަ، މާތް ﷲ ގެ ވާގިފުޅާއެކު، އެކުދިންނަކީ ބޮޑުވަމުން އަންނައިރު، ހަރުދަނާ ކުދިބައެއް ކަމުގައި ވެދާނެއެވެ.
