އިންސާނާގެ ހަށިގަނޑުގައި ގޯލްބްލެޑަރ ނުވަތަ ފިތަކީ އަޖައިބެއްކަހަލަ މަސައްކަތެއް ކުރާ ކުޑަކުޑަ ގުނަވަނެކެވެ. އެ ގުނަވަނަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ އެ ގުނަވަނުގައި ހިލަ އުފެދުމެވެ. މިޔަށް ސައިންޓިފިކަލީ ކިޔާ އުޅޭ ނަމަކީ ކޮލެލިތިއޭސިސް އެވެ. އާންމުނަމަކަށް ކިޔާ އުލޭނީ ގޯލްސްޓޯން އެވެ. ފިތުގައި ހިލަ އުފެދުމަކީ ދިވެހިންގެ ތެރޭގައިވެސް މިހާރަކަށް އައިސް ވަރަށް އާންމުކަމެކެވެ.

ފިތަކީ އިންސާނާގެ ބަނޑުގެ ކަނާތްފަރާތުގައި ފުރަމޭގެ ދަށުގައި އިންނަ ކުޑަކުޑަ ގުނަވަނެކެވެ. އެ ގުނަވަނުގައި ހަޖަމުގެ ނިޒާމުގައި އެހީތެރިވެދޭ ދިޔަވަރެއް ރައްކާކުރެވިފައިވެއެވެ. ގޮށްރީނދޫ ކުލައިގެ މި ދިޔަވަރަށް ކިޔަނީ "ބައިލް" އެވެ. ފިތުން މި ދިޔަވަރު ކުޑަގޮހޮރަށް ފޮނުވައިދެއެވެ. ފިތުގައި އުފެދޭ ހިލައިގެ މިން އެކި މީހުންގެ ތަފާތެވެ. އަދަދުވެސް އެފަދައިން ތަފާތުވެއެވެ. ބައެއްމީހުންނަށް މި ހާލަތު ދިމާވުމުން ބޮޑުވަރުވެއެވެ. އަނެއްބަޔަކަށް މާބޮޑު އުނދަގޫތަކެއް ނުވެއެވެ. މިފަދައިން އުނދަގޫތައްގެ ގެއްލުން ބޮޑުވާ މީހުންގެ ފިތް ނަގަންވެސް ޖެހެއެވެ. ނަމަވެސް ބޮޑުވަރުނުވާ މީހުންނަށް ބޭހުން ފަރުވާ ކުރެވެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިގޮތަކަށް ވަރަށް ތޫނު ތަދެއް، މޭދޮށުން ކަނާތްފަރާތަށް އަރާނެއެވެ. މި ތަދު މޭކަށިގަނޑުގެ ކޮޅާއި ހިސާބަަށް މަޑުމަޑުން ދަތުރުކުރާނެއެވެ. އަދި އަނެއްބައި ފަހަރު ފުރަގަހަށް ނުވަތަ ކިހިލިފައްޗާއި ދިމާލަށް ގޮސްދާނެއެވެ. އަދި ކަނާތު ކޮޑާއި އަތަށް ބުރަކަމެއް ނުވަތެއް އުނދަގޫކަމެއް އިހުސާސް ކުރެވޭނެއެވެ. މިއާއި އެކު މޭނުބައިކުރުމާއި ކާހިތްނުވުމާއި އެކު ހޮޑުލެވުމަކީވެސް ދިމާވާނޭ ކަންކަމެވެ. މީގެ އިތުރަށް ހުން އައުމާއި އެކު މީހާގެ ހަންގަނޑާއި ލޯ ރީނދޫވުމަކީވެސް ބައެއް މީހުންގެ ފެންނަ އަލާމާތެކެވެ.

ފިތުގައި ހިލަ އުފެދެން މެދުވެރިވާ ސީދާ ސަބަބެއް ޑަކްޓަރުންނަށްވެސް ބުނެދޭން ދައްޗެވެ. ނަމަވެސް ބައެއް ކަންކަމުން އެކަމުގެ ފުރުސަތު ބޮޑުވާކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ. އިސްވެ ދެންނެވުނު ފަދައިން ފިތުގައި ހުންނަ ބައިލް އަކީ އޭގައި ވަރަށްގިނަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެގޮތުން އޭގައި ހުންނަ ސަރުބީގެ މިންވަރު އިތުރުވުމަކީ ހިލަ އުފެދުމަށް މެދެރިވެދާނޭ ކަމެއްކަމަށް ބައެއް މުރާސިލުން ފާހަގަ ކުރައްވައެވެ. ހަމަ އެގޮތަށް އޭގައި ހުންނަ ބިލިރުބިން ނަމަކަށް ކިޔާ މާއްދާވެސް ހުންނަންވާ މިންވަރަށްވުރެ އިތުރުވުމުން ހިލައުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެއިތުރުން ފިތުގައި ހުންނަ ބައިލް ނުވަތަ މި ވިދިޔަވަރު އެއްކޮށް ފިތުން ހުސްނުވާނަމަ ވެސް ހިލައުފެދުމުގެ ފުރުސަތު އޮވެއެވެ.

މިކަމުން ރައްކާތެރިވުމަށް ކުރެވިދާނޭ ކަންތައްތަކުގެ ތެރޭގައި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ބަރުދަން ލުއިކުރާނަމަ އެއްފަރާ މާބޮޑަށް ބަރުދަން ލުއިނުކުރުން ހިމެނެއެވެ. އަދި ކެއުމުގައި ފައިބަރު އެކުލެވޭ ކާނާ ގިނަކުރުމާއި އެކު ގަޑިން ގަޑިއަށް ކެއުމަށް ފަރުވާތެރިވުން ވަރަށްވެސް މުހިންމެވެ. އަދި ބައެއް ޑަކްޓަރުން ފާހަގަކުރާ ގޮތުގައި ހަވާދާއި ތެޔޮ އެކުވެފައިވާ ކުޅި، ކެއުމުގައި ބޭނުން ކުރާ މިންވަރު މަދުކުރަން ވާނެއެވެ.

ފިތުގައި ހިލަ އުފެދޭ ސީދާ ސަބަބު ނޭނގުނު ނަމަވެސް އެކަމުގެ ފުރުސަތު ބޮޑުވެދާނޭ ސަބަބުތަކެއްވެއެވެ. އިސްވެ އެދެންނެވުނު ސަބަބުތަކާއި އެކު މިކަމުން ރައްކާތެރިވުމަށް މި ދެވުނު އިރުޝާދުތަކަށް އެނެމްވެސް ފަރުވާތެރިވާން ވާނެއެވެ. ދުޅަހެޔޮ ފިތެއް ލިބިފައިވުމީ ހަޖަމުގެ ނިޒާމުގެ ތަރުތީބު އޭގެ ހަލުއިކަމާއިއެކު ހިނގާނޭ ކަމެކެވެ.