މި މަހުން ފެށިގެން އެސްޓީއޯގެ މުވައްޒަފުންނަށް މުސާރަ ދޭނީ މިނިމަމް ވޭޖްގެ މިންގަނޑަށް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެސްޓީއޯ އިން އާންމު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިނިމަމް ވޭޖާ އެއްގޮތަށް މުވައްޒަފުންނަށް މުސާރަ ދިނުމަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށެވެ.
ދިވެހި ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ޖުމުލަ 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކުދި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ މަހަކު 4500 ރުފިޔާއެވެ. މެދުފަންތީގެ ވިޔަފާރިތަކާއި، ސިވިލް ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކުގެ އެންމެ ކުޑަ މުސާރައަކީ މަހަކު 8000 ރުފިޔާއެވެ. ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ މުވައްޒަފުންގެ އަދަދު 100 އަށް ވުރެ ގިނަ، އާމްދަނީގެ ގޮތުގައި 20 މިލިއަނަށް ވުރެ އިތުރަށް ލިބޭ ވިޔަފާރިތަކެވެ.
މިނިމަމް ވޭޖާ އެއްގޮތަށް ޢަމަލުކުރަން ފަށަން ޖެހެނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހެންކަމުން އެސްޓީއޯ އަކީ މިނިމަމް ވޭޖްގެ މިންގަނޑަށް މުސާރަ ދޭނެ އެންމެ ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯ ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީގައެވެ.
