އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ގޯލާއެކު ވުލްވްސްގެ މައްޗަށް މެންޗެސްޓާ ސިޓީ ކުރިހޯދިއިރު، ލިވަޕޫލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ސިޓީގެ ދަނޑުގައި 1-0 އިން ވުލްވްސް ބަލިކުރިއިރު، ލިވަޕޫލުން އެސްޓަން ވިލާ ބަލިކުރީ ވެސް ހަމަ މިނަތީޖާއިންނެވެ. އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވީ 3-2 އިންނެވެ.
މިރޭގެ މެޗުތަކަށްފަހު ސިޓީ އެއްވަނައިގައި އޮތީ 16 މެޗުން ހޯދީ 38 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް 15 މެޗުން ލިބުނު 27 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، އާސެނަލް އޮތީ 26 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގެ އިތުރުވަގުތުގައި ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ސިޓީ އަށް ލީޑްނަގައިދޭން ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
ސިޓީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޓާލިން އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވުލްވްސްގެ ޔާއޯ މޮޓީނިއޯ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ލީގުގައި ސްޓާލިން ޖެހި ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.
އެންފީލްޑްގައި މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ހަމައެކަނި ލަނޑު، 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ލީގުގައި އޭނާ ޖެހި 14 ވަނަ ގޯލެވެ. މި މެޗަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ސްޓީވެން ޖެރާޑް ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާ އަށް ވަނުމަށްފަހު އެންފީލްޑްގައި އިދިކޮޅު ޓީމެއް ގޮވައިގެން ނިކުތް ފުރަތަމަ ފަހަރެވެ.
މި މެޗުގައި ލިވަޕޫލަށް ލީޑްނަގައިދޭން އެންޑީ ރޮބަޓްސަން އާއި ވާޖިލް ވެން ޑައިކަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ވިލާ އަށް އެއްވަރުކޮށްދޭން ޕޮލެންޑްގެ ފުލްބެކް މެތިއު ކޭޝް އަށް ލިބުނު ފުރުޞަތު ވެސް ވީ ބޭކާރެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި މިރޭ ކުޅުނު މެޗުގެ ފަހު ހާފުގައި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައްދާލި ދެ ޕެނަލްޓީއާއެކު އެ ޓީމުން ލީޑްސް ބަލިކުރީ 3-2 އިންނެވެ. މި މެޗު ފެށިގެން 28 ވަނަ މިނެޓުގައި ހީކުރި ގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ލީޑްސް އިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ ބްރެޒިލްގެ ވިންގާ ރަފީނިއާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ވޭލްސް ވިންގާ ޑޭވިޑް ޖޭމްސް އަށް ޗެލްސީގެ މާކޯސް އަލޮންސޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޗެލްސީ އަށް އެއްވަރުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އެވެ. މިއީ އަލޮންސޯ ނަގައިދިން ހުރަހަކުން މައުންޓް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 13 ވަރަކަށް މިނެޓުގެ ތެރޭގައި ޗެލްސީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ޖޯޖީނިއޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ލީޑްސްގެ ރަފީނިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޖޯޖީނިއޯ ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލީޑްސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ޖޯ ގެލްހާޓް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް، މެޗުގެ އިތުރުވަގުތުގައި ޗެލްސީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލަނޑުޖެހީ ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ މި ލަނޑުޖެހީ ވެސް ޕެނަލްޓީއޭރިޔާ ތެރެއިން ރުޑިގާ އަށް ލީޑްސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.
ލީގުގައި މޮޅެއް ނުލިބި ދެ މެޗު ފުރިހަމަ ކުރުމަށްފަހު އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސައުތެމްޓަން ބަލިކޮށްފައެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ކުރީކޮޅު ސައުތެމްޓަނުން ޑޮމިނޭޓްކުރި ނަމަވެސް އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑުގެ ލީޑެއްނަގާފައެވެ. އާސެނަލުން ލީޑްނެގީ، 21 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނަގައިދިން ހުރަހަކުން އެލެކްސެންޑަ ލަކަޒޭ ވައްދާލި ލަނޑުންނެވެ. އޭގެ ހަ މިނެޓުފަހުން، އެ ޓީމުގެ ދެވަނަ ލަނޑުޖެހީ މާޓިން އޮޑެގާޑް އެވެ. މިއީ އެ ޓީމުގެ ފުލްބެކް ކިއެރަން ޓިއާނީ ބޮލުން ޖައްސާލި ޕާހަކުން އޮޑެގާޑް ބޮލުން ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 62 ވަނަ މިނެޓުގައި ގެބްރިއެލް މަގަލޭޝް ކާމިޔާބުކުރީ ގެބްރިއެލް މާޓިނެއްލީ ނަގައިދިން ކޯނަރަކުންނެވެ. އޭގެފަހުން، އެ ޓީމުގެ ލީޑް ފުޅާކޮށްދޭން މާޓިނެއްލީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ސަކާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ ދަނޑީގައިޖެހިފައެވެ.
