ސްރީލަންކާއަކީ ރާއްޖެއިން ބޭރުން އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން އުޅޭ ގައުމެވެ. ބައެއް ލިޔެ ކިޔުންތައް ބުނާގޮތުންނަމަ ލަންކާގައި 13،000 ދިވެހިން ދިރިއުޅެއެވެ. ގިނަ އާއިލާތަކުގެ ފިރިން ތިބެނީ ރާއްޖޭގައި ވަޒީފާގައެވެ. އަނބިން ތިބެނީ ދަރިންނަށް ތަޢުލީމް ދިނުމާއި، ބައެއް ޚާއްސަ ތެރަޕީ އަދި ފަރުވާ ބޭނުންވާ ކުދިންގެ ކައިރީގައި ލަންކާގައެވެ.
ޓިކެޓްގެ އަގުވެސް އަތްފޯރާ ހަމާގައި ހުރުމާ، އެކަމަށް ހޭދަވާ ވަގުތު މަދުވުމުން ވަރަށް އަވަސް އަވަހަށް އާއިލާގެ މެމްބަރުންނާއި ބައްދަލުވެއެވެ. މާލޭގައި ތިބި މީހުން ވެސް ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ބާޒާރުކޮށްލުމަށް ލަންކާއަށް ދެއެވެ. ލަންކާގައި ދިރިއުޅޭ އާއިލާތަކުން ޗުއްޓީތަކުގައި ރާއްޖެ އާދެއެވެ. އަވަސް އަވަހަށް ބައްދަލުވެ އުޅެވޭތީ، ބޭރުގައުމެއްގައި އާއިލާގެ އެއްބަޔަކު އުޅޭކަން ބައެއް މީހުނަށް އިޙްސާސްވެސް ނުވެއެވެ.
ޚާއްސަކޮށް ގިނަ އާއިލާތަކުގަ ފިރިން ތިން ހަތަރު މަހުން އެއްފަހަރު އަނބިން ކާރިއަށް ދެއެވެ. ތަނަވަސް އާއިލާތަކުގެ ބައެއް މީހުން ހަފްތާއަކު އެއްފަހަރުވެސް ޒިޔާރަތް ކުރެއެވެ. މިހެން އުޅެނިކޮށް ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން 20 މާރޗްގައި ސްރީލަންކާ ފުރަބަންދަށް ދިޔައެވެ. ގަވާއިދުން ބާއްވަމުން ދިޔަ ފްލައިޓަށް ހުއްޓާލިއެވެ. މީހުން ގެނައުމަށް ޚާއްސަކޮށްގެން ރާއްޖެއާއި ލަންކާއިންވެސް ފްލައިޓްތަކެއް ބޭއްވިއެވެ. ނަމަވެސް ރާއްޖެ ފްލައިޓްތަކުގައި ގެނައީ ދިވެހިންނެވެ. ލަންކާ ފްލައިޓްތަކުން ގެންދިޔައީ އެގައުމުގެ މީހުނެވެ.
އޭގެ ފަހުން 5 މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު ލަންކާއޮތީ އާންމު ޙާލަތަށް ރުޖޫޢަ ވެފައެވެ. ލަންކާތެރޭގެ ހުރިހާ ތަނެއް އޮތީ ހުޅުވާލާފައެވެ. ބައެއް ސްކޫލްތައް ހުޅުވައިގެން ކިޔަވާދީ، ޓެސްޓް ނަގާ، ޗުއްޓީ ދިނުމަށްފަހު އަލުން ސްކޫލްތައް ވަނީ ހުޅުވިފައެވެ. ނަމަވެސް އަދިވެސް ބޭރު ގައުމުތަކުން އަންނަ ފްލައިޓްތައް ގަވާއިދުން ނުފަށައެވެ. ގައުމުތަކުން މީހުން އައުމަށް މަދު ފްލައިޓްތަކެއް އޮޕަރޭޓް ކުރެވެމުން ދެއެވެ. ސްކޫލް ނުވަތަ ކޮލެޖް ގެ ކިޔެވުން ފެށުން ފަދަ ކަންކަމުގައި ކޮންމެހެން ދާން ޖެހޭ މީހުން ނޫނީ ނުދެއެވެ.
ބޭރުގައުމުތަކުން އަންނަ މީހުން ކަރަންޓީނުވާން ޚާއްސަ އުސޫލުތަކެއް ހަމަޖެހިފައިވެއެވެ. ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ލިސްޓްކޮށްފައިވާ ހޮޓާތަކެއް އެކަމަށް ޚާއްސަ ކޮށްފައެވެ. 14 ދުވަހު އެތަނުގައި ހުރުމާއި ކެއުމުގެ ޚަރަދު ދައްކަން ޖެހެނީ އަމިއްލައަށެވެ. އެންމެ އާދައިގެ ހޮޓަލެއްގައި އެއް ދުވަހު ހުރުމާއި ކެއުމަށް ގާތް ގަނޑަކަށް 12،000 ރުޕީސް ހޭދަވެއެވެ. އެހެންކަމުން މިއީ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ.
ނަމަވެސް ޔަގީންވާ އެއްކަމެއް ވެއެވެ. ލަންކާގައި ތިބި އަނބިންނާއި ރާއްޖޭގައި ތިބި ފިރިންވެސް ތިބީ ކަންކަން ހަމައަކަށް އެޅުމުން އާއިލާ ބައްދަލުވާނެ ދުވަހަކަށް އެދިއެދިއެވެ. އާއިލާތަކުގެ ކުޑަކުދިންވެސް ބައްޕަ ނުފެންނަތާ ގިނަ ދުވަސް ވުމުން އެކަމުގެ ޝަކުވާއަބަދު ކުރެއެވެ. ލޮކްޑައުންގެ ކުރިން މާބަނޑުވި އަންހެނުން ދުވަސް ފުރެނީއެވެ. ވިހަންވެސް އާއިލާގެ މީހަކަށް އާދެވޭނެކަން ޔަގީންނުވާތީ ދުވަސްތައް ހޭދަވަމުން ދަނީ މާޔޫސްކަމުގައެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މިހާތަނަށް 3،115 ޕޮޒިޓިވް ކޭސްފެނިފައިވާ އިރު މީގެ ތެރޭގައި ގިނައީ ބޭރުގައުމުތަކުން އައިސް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްކަން އެނގުނު މީހުނެވެ. ސްރީ ލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަމޫނާ ދެއްކި ގައުމެކެވެ. އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 188 މީހުނެވެ. ނަމަވެސް އަދިވެސް ގައުމު ހުޅުވާލަން ބޭނުންނުވަނީ ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުމަށެވެ.
އަތުގައި ފައިސާ ހުރެ، ވަގުތު އޮވެ މިހާދިގު މުއްދަތަކަށް ދެމަފިރިން ދެތަނުގައި ތިބެން ނުޖެހޭކަމަށް ގިނަ އާއިލާތަކުން ބުނެއެވެ. މިއީ ޙާލަތު ނިޔާކުރި ގޮތެވެ. ދެފަރާތުން ވެސް ކުރަނީ އިންތިޒާރެވެ. ނިމޭނެ ދުވަހެއް ނޭނގޭ ދިގު އިންތިޒާރެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން