ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުތަކަށްފަހު އަމިއްލަ ދަނޑުގައި މައިންޒް 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ތާވަލްގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
މިރޭގެ ނަތީޖާއާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 15 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 31 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ބަޔާ ލެވަކޫސަން އެވެ. ހަތަރުވަނައިގައި އޮތް ހޮފެންހައިމަށް ލިބިފައިވަނީ 26 ޕޮއިންޓެވެ.
އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކުރީން ލީޑްނެގީ މައިންޒް އިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ކަރީމް އޮނިސީވޯ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ބަޔާނަށް އެއްވަރުކޮށްދިނީ ފްރާންސްގެ ހަލުވި ވިންގާ ކިންގްސްލީ ކޯމަން އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ދިން ޕާހަކުންނެވެ.
ބަޔާން މޮޅުވި ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑެވެ. އޭގެފަހުން، މައިންޒަށް އެއްވަރުކޮށްދޭން މޫސާ ނިއަހާޓޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ މަތަކުރިއެވެ.
މި މެޗަކީ ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ ކޯޗިން ކެރިއަރުގައި ލީގުގައި އިރުޝާދު ދިން 100 ވަނަ މެޗެވެ. ބަޔާންގެ އިތުރުން އޭނާ ވަނީ ހޮފެންހައިމް އާއި އާރްބީ ލީޕްޒިގަށް އިރުޝާދު ދީފައެވެ.
ލީގުގައި މިރޭ ވީއެފްއެލް ބޯކަމްގެ ދަނޑުގައި ޑޯޓްމަންޑް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ބޯކަމްގެ ލަނޑު، ލިބުނު ޕެނަލްޓީއަކުން ސެބާސްޓިއަން ޕޯލްޓާ ޖަހައިދީފައިވަނިކޮށް ޑޯޓްމަންޑުން އެއްވަރުކުރީ ހޫލިއަން ބްރެންޓް އެވެ. ބްރެންޓް މިލަނޑުޖެހީ އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނަގައިދިން ހުރަހަކުންނެވެ.
