އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ ކޮޅަށް ފަހު ހާފުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާއެކު މެންޗެސްޓާ ޔުނައިޓެޑުން ހޯދީ މޮޅާއެކު ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ.

މިއީ ޔުނައިޓެޑްގެ އައު ކޯޗު ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗު ވެސް ޔުނައިޓެޑުން ކާމިޔާބުކުރިއިރު ބައިކޮޅަށް އެންމެ ގޯލެއްވެސް ވަދެފައެއްނުވެއެވެ.

ރޭގެ މެޗުން ހޯދީ ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ އަލުން ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ކުޅުނު 16 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި ފައިދާ ގޯލްގެ ތަފާތުން އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. އެކަމަކު، އެ ޓީމުން މިއަދަދަށް ޕޮއިންޓް ހަމަކުރީ 15 މެޗުންނެވެ. ތާވަލްގެ އެއްވަނައިގައި އަދިވެސް އުޅެނީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް 16 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ޗެލްސީ އޮތީ 36 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ނޯވިޗްގެ ކެރޯ ރޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުގެ ފިންލެންޑް ފޯވާޑް ޓީމޫ ޕޫކީ އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. މި ހާފުގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން އަލެކްސް ޓެލޭސް ފޮނުވާލި ބޯޅަ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް މަތަކުރިއެވެ. މި ބޯޅަ ބޭރަށްދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. ރޮނާލްޑޯ އާއި ހެރީ މެގުއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ކްރުލް އެވެ.

ޔުނައިޓެޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރޮނާލްޑޯ އަށް ނޯވިޗްގެ ފުލްބެކް މެކްސް އާރޮންސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ނޯވިޗަށް ނަތީޖާ ހަމަހަމަކޮށްދޭން ޕޫކީ އާއި އޮޒާން ކަބަކް ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ހުއްޓުވިއެވެ. އޭގެފަހުން، ބިލީ ގިލްމޯ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ބްލޮކްކުރިއެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ މި މަހުގެ 14 ވާ އަންގާރަ ދުވަހު ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ނޯވިޗްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ވެސްޓް ހޭމުން ރަށުން ބޭރުގައި ބާންލީއާ ބައްދަލުކުރާ މެޗާއި ލެސްޓާ ސިޓީގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗު ފާހަގަކޮށްލެވެއެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން 19:00 ގައެވެ.