އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔުވެންޓަސް އާއި އޭސީ މިލާނަށް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.
އުދިނޭޒީގެ ދަނޑުގައި 1-1 އިން މިލާން އެއްވަރުވިއިރު، ޔުވެންޓަސް އިން ރަށުން ބޭރުގައި ވެނެޒިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ.
ރޭގެ މެޗުތަކަށްފަހު އަދިވެސް އެއްވަނައިގައި އޮތީ މިލާނެވެ. އެ ޓީމަށް ކުޅުނު 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓަ މިލާނެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، މި ހަފްތާގައި މި ދެ ޓީމު ކުޅޭ މެޗުތަކަށްފަހު މިލާނަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ. ރޭގެ މެޗުން އެއްވަރުވުމާއެކު ޔުވެންޓަސް ވަނީ ތާވަލްގެ ހަވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
ވެނިސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލީޑްނަގައިދިނީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މެޗުގެ 32 ވަނަ މިނެޓުގައި މޮރާޓާ މިލަނޑުޖެހީ ލޫކަ ޕެލެގްރިނީ ނަގައިދިން ހުރަހަކުންނެވެ. އޭގެކުރީން، އެ ޓީމުގެ ކައޯ ޖޯޖް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު، މޮރާޓާ ފޮނުވާލި ބޯޅާ ވެނެޒިއާގެ ކީޕަރު ސާޖިއޯ ރޮމޭރޯ މަތަކުރިއެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ކޮލަމްބިއާގެ ވިންގާ ހުއާން ކުއަޑްރާޑޯ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ވެނެޒިއާ އަށް އެއްވަރުކޮށްދިނީ މަޓިއާ އަރަމޫ އެވެ. އޭގެފަހުން، ޔުވެންޓަސް މޮޅުކޮށްދޭން ފެޑެރީކޯ ބާނަޑެޝްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެނެޒިއާގެ ކީޕަރު ރޮމޭރޯ އެވެ.
އުދިނޭޒީގެ ސްޓާޑިއޯ ފްރިއުލީގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ބޭޓޯ ކާމިޔާބުކުރި ލަނޑުންނެވެ. މިލާނުން އެއްވަރުކުރީ މެޗުގެ އިތުރުވަގުތުގައި ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗް ބައިސިކަލް ކިކަކުން ކާމިޔާބުކުރި ރީތި ގޯލުންނެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް މިލާންގެ ކީޕަރު މައިކް މައިނަން އަށް އުޅަބޮށިން ކުރި ފައުލަކާ ގުޅިގެން އުދިނޭޒީގެ އިސާކް ސަކްސެސް އަށް ވަނީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މި މެޗުގައި ޖެހި ގޯލާއެކު އުމުރުން 40 އަހަރުގެ އިބްރާހިމޮވިޗް ވަނީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި 300 ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އިބްރާހިމޮވިޗްގެ އިތުރުން މި ލިސްޓުގައި ދެން އޮތީ ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ނަޕޯލީގެ ދަނޑުގައި އެމްޕޯލީއާ ބައްދަލުކުރާ މެޗާއި ކަލިއާރީއާ ދެކޮޅަށް އިންޓަގެ ދަނޑުގައި އެ ޓީމު ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.
