އިސްލާމްދީނަކީ ވަކި ޒަމާނަކަށް ފެތޭގޮތަށް ފުރިހަމަކުރައްވާފައިވާ ދީނެއް ނޫނެވެ. މި ދީނުގެ ހުރިހާ ކަމަކީވެސް ހުރިހާ ޒަމާނަކަށްވެސް ފެތޭނޭ ކަންކަމެވެ. މި ދީނުގެ މާތް ރިސާލަތު މުޅި ދުނިޔެއަށް ފަތުރާލަދެއްވި މާތް މުޙައްމަދު ނަބިއްޔާގެ އަމަލުފުޅުތަކަކީ އުންމަތަށް ހުރި އަގުހުރި ފިލާވަޅެވެ. ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި އިންސާނުންނަށް ހުރިހާހައްލެއް ދެއްވާފައިވާ ދެ މަގެވެ. އެގޮތުން މާތް ރަސޫލާގެ ސުންނަތުގައި، އަލަށް އުފަންވާ ތުއްތު ކުއްޖާއާއި މެދު އަމަލުކުރަންވީ ކަންތައްތަކެއް ފެންނާން އެބަހުއްޓެވެ. އިމާމް ބުޚާރީ އާއި މުސްލިމްގެ އަރިހުން ރިވާވެގެންވާ ގޮތުގައި އުފަންވާ ތުއްތު ކުއްޖާ އުފަންވުމާއި އެކު އެކުއްޖޭގެ ކަންފަތްދޮށުގައި ބަންގި ގޮވުމަކީ މުސްތަޙައްބު ކަމެކެވެ. އެއާއިއެކު އެކުއްޖާގެ އަނގައިގެ މަތީތަލީގައި މަޑު ކަދުރުކޮޅެއްގެ ކުޑަކުޑަ މިންވަރެއް އުނގުޅާލުމަކީވެސް ސުންނަތެކެވެ. މިކަމަށް ޢަރަބި ބަހުން ކިޔާ އުޅެނީ ތަޙްނީކް ކުރުމެވެ. މި ލިޔުމުގައި މި ބަލައިލަނީ މި ސުންނަތާއި ސިއްހީ ގޮތުން މިކަން އޮތްގޮތަށެވެ.
ބީ.ބީ.ސީ ގެ ސިއްހަތާބެހޭ ބާބުގައި 2013 ވަނަ އަހަރު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ދުވަސްނުފުރާ ވިހާ ތުއްތު ކުދިންގެ އަނގައިގައި (މަތީތަލީގައި) "ޑެކްސްޓްރޯސް ޖެލް" ނަމަކަށް ކިޔާ ޖެލްއެއް އުނގުޅުމުން އެ ކުއްޖާގެ ހަށިގަނޑުގައި މަދުވެފައިވާ ހަކުރުގެ މިންވަރު އިތުރުކޮށްދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ހަކުރުމަދުވުން ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭނޭ ކަމަށެވެ. އަދި މިއީ ބައެއް ކުޑަކުދިންގެ އައިސީޔޫތަކުގައިވެސް މިހާރު އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. މި އުސޫލުން ފަރުވާ ދެވުނު އެކުދިންނަށް، ފަހުން "ޑެކްސްޓްރޯން" އައިވީ ގުޅަން ޖެހޭ މިންވަރު މަދުވާ ކަމަށާއި، ގާތުން ދިނުމުގެ އިތުރުން އެހެން ޒާތްޒާތުގެ "ގުލްކޯޒް" އެކުލެވޭ ކިރު، ގިރައިގެން ބޯންދޭންޖެހޭ މިންވަރުވެސް މަދުކަމަށެވެ.
"ޑެކްސްޓްރޯސް ޖެލް" އަކީ ކޮބާ ހެއްޔެވެ؟ "ޑެކްސްޓްރޯސް" އަކީ ހަކުރުގެ ބާވަތެކެވެ. މިއީ ގާތްގަނޑަކަށް ބުނާނަމަ ލޭގެތެރޭގައި ދައުރުވާ ގުލްކޯޒާއި ދާދި އެއްގޮތް ގުލްކޯޒެކެވެ. މިއީ ފޮނި އެއްޗެކެވެ. "ޑެކްސްޓްރޯސް ޖެލް" އަކީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ "ޑެކްސްޓްރޯސް" ގެ ޖެލްއެކެވެ.
އެން.އައި.އެޗް ގެ ކްނިލިކަލް ޓްރިއަލްސް ޑޮޓް ގަވަރމެންޓް ގައި 2018 ވަނަ އަހަރު ޝާއިއުކޮށް، 2019 ވަނަ އަހަރު އަދާހަމަކޮށްފާއިވާ ލިޔުމެއްގައި ބުނާގޮތުން ދުވަސްފުރުމަށްފަހު އުފަންވާ ތުއްތު ކުދިންގެ ތެރެއިން 15 އިންސައްތަ ކުދިންނަކީ އެކުދިންގެ ހަޔާތުގެ ފުރަތަމަ ދެތިންދުވަހު ހަކުރު މަދުކޮށް ތިބޭ ކުދިންނެވެ. އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ "ޑެކްސްޓްރޯސް ޖެލް" ދިނުމުގެ ސަބަބުން ދުވަސް ފުރާ ވިހާ ކުދިންވެސް، ހަކުރު މަދުވުމުގެ ސަބަބުން އައި.ސީ.ޔޫ އަށް ލާންޖެހޭ މިންވަރު ބޮޑުތަނުން މަދުކަމަށެވެ. އަދި "ޑެކްސްޓްރޯސް ޖެލް" އަކީ ހަކުރު މަދުވާ ކުދިންނަށް އެކުދިން އުފަންވާ ވަގުތު ދެވޭ ވަރަށްވެސް ބޮޑު ފަރުވާއެއް ކަމަށެވެ.
މީގެ އިތުރުން މިލިޔުމުގައި ވަނީ ސީދާ ތަޙްނީކް ކުރުމާއިމެދުވެސް ހިޔާލު ފާޅު ކޮށްފައެވެ. މި ލިޔުމުގައި ތަޙްނީކް ކުރުމާއި ބެހޭގޮތުން ލިޔެފައިވަނީ އެއީ އިސްލާމްދީނުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެއީ ކުރުން ރަނގަޅުކަމެއް ކަމުގައެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ހަކުރު ދަށްވިޔަ ނުދީ ހިފެެހެއްޓުމާއި ކުއްޖާގެ ވޭން ލުއިކޮަށްދިނުމާއި އެކު ކުއްޖާގެ ހިތުގެ ވިންދު ހަމައަކަށް އެޅުމަށްވެސް އެކަން އެހީތެރިވެދެއެވެ. އަދި ކުއްޖާއަށް މައިމީހާގެ ގާތުން ބޯން ދަސްވުމާއި އެކު އެކަމަށް ފަރިތަ ވާނޭ ކަމަށްވެސް މިލިޔުމުގައި ބުނެފައި ވެއެވެ.
ތަޙްނީކް ކުރާނަމަ ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެކަމުގައި ބޭނުން ކުރެވޭ ކަދުރަކީ ތާޒާ ކަދުރެއްތޯ ބެލުން މުހިންމެވެ. އޭގައި ފަނި ހުރިތޯ ނުވަތަ ހިލަ ހުރިތޯ ބަލަން ވާނެއެވެ. ކުއްޖާގެ އަނގައިގެ ތެރެއަށް ލެވޭ އިނގިއްޔަކީ ރަނގަޅަށް ދޮވެވި، ޖަރާސީމުތަކުން ރައްކާތެރި ކުރެވިފައިވާ އިނގިއްޔެއްކަން ކަށަވަރު ކުރަންވާނެއެވެ. އަދި މާތްނަބިއްޔާގެ މި މޫރިތި ސުންނަތުން، މާތް ﷲ ގެ ވާގިފުޅާއި އެކު އެ ދަރިފުޅަށް ދުޅަހެޔޮ ހަށިގަނޑެއް މިންވަރުކުރެއްވުން އެދި ނިޔަތް ގަންނަން ވާނެއެވެ. ބިސްމިނުގެ ބަރަކާތުން ނޫނީ ފަށައިގެން ނުވާނެއެވެ.
އާދޭހެވެ! އަދުގެ ޒަމާނީ ޑަކްޓަރުން ދެނީ "ޑެކްސްޓްރޯސް ޖެލް" އެވެ. ނަމަވެސް މީގެ 1400 އަހަރު ކުރިން މާތް ނަބިއްޔާ މި ވަނީ މި ފަރުވާ އަހަރެމެންނަށް ބަޔާންކޮށްދީ ބުނެދީފައެވެ. ޝައްކެއްނެތެވެ! ތަޙްނީކް ކުރުމެވެ. މިއީ އިސްލާމްދީނުގެ ފުރިހަމަކަމެވެ. މިއީ މި ދީނުގެ މޫރިތިކަމެވެ. ދުޅަހެޔޮ ސިއްހަތަކަށް މިދީން ބާރުއަޅާކަމުގެ އަލިގަދަ ހެއްކެކެވެ.
