އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން މިއަދު ފަށައިފިއެވެ. މިއީ ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ރާއްޖޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެމެކްސް ކާޑުން ވިޔަފާރިކުރާ ފަރާތްތައް ލަކީޑްރޯގައި ހިމެނިގެން ދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ. ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ފަރާތް ބީއެމްއެލްގެ ވެބްސައިޓްގައި އާންމު ކުރާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން މާޗެންޓުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މާޗެންޓުންގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މާޗެންޓަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ބޭންކެވެ. އެގޮތުން ބީއެމްއެލްގެ ކާޑުގެ ޚިދުމަތް ހޯދާ 3 ލައްކައަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ. އަދި މާޗެންޓުންގެ އަދަދު 7،000 އަށް އަރައެވެ.