ފްރެންޗް ލީގުގައި ރޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، އޭނާގެ ކުރީގެ ޓީމު ކަމަށްވާ މޮނާކޯ ކޮޅަށް ވައްދާލި ދެ ލަނޑާއެކު ޕީއެސްޖީން ތާވަލްގެ ކުރީގައި ލީޑްފުޅާކޮށްފިއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އަށް ކުޅުނު 18 މެޗުން ލިބުނު 45 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، އޭގެ 13 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އޮލިމްޕިކް މާސޭ އެވެ. ތިންވަނައިގައި އޮތް ރެނެސް އަށް 31 ޕޮއިންޓް ލިބިފައިވާއިރު، ނީސް އޮތީ 30 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި ފްރާންސްގެ ޕްރެސްނެލް ކިމްޕެމްބޭ ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ޕެރިހުގައި ހުންނަ ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މެޗު ފެށިގެން ކުރީކޮޅު މޮނާކޯގެ ސޮފިއާނޭ ޑިއޮޕް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. އެކަމަކު، ޑިއޮޕް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޕީއެސްޖީގެ އެންހެލް ޑި މާރިއާ އަށް މޮނާކޯގެ ފުލްބެކް ޖިބްރީލް ސިޑީބޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕީއެސްޖީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރީ ލިއޮނަލް މެސީ ދިން ބޯޅައަކުންނެވެ. މި ގޯލާއެކު ލީގުގައި އެ ޓީމަށް އެމްބާޕޭ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އެމްބާޕޭ ޖެހި 13 ވަނަ ގޯލެވެ. މީގެތެރެއިން ނުވަ ގޯލް ޖެހީ ލީގުގައެވެ.

ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ލޮރިއެންޓްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެކުރީން، މި މަހުގެ 20 ވަނަ ދުވަހު ފްރެންޗް ކަޕްގައި އެ ޓީމު ނިކުންނާނީ އެސްސީ ފެއިނީސްއާ ދެކޮޅަށެވެ.