ސްޕެނިޝް ލީގުގައި ރޭ ކުޅުނު ވާދަވެރި މެޑްރިޑް ޑާބީގައި އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދިއިރު، އޮސަސޫނާ އިން ފަހުވަގުތު ބާސެލޯނާއާ އެއްވަރުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި އެތުލެޓިކޯ އަތުން 2-0 އިން މޮޅުވިއިރު، ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗުތަކަށްފަހު ރެއާލް އެއްވަނައިގައި އޮތީ 17 މެޗުން ލިބުނު 42 ޕޮއިންޓާއެކު އެވެ. އޭގެ 8 ޕޮއިންޓް ފަހަތުން ދެވަނައިގައި ސެވިއްޔާ އޮތްއިރު، ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެތުލެޓިކޯ އޮތީ 16 މެޗުން ލިބުނު 29 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑުޖަހައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިނީޝަސް ޖޫނިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި ބެންޒެމާ ޖެހި 13 ވަނަ ލަނޑެވެ.
މުޅި މެޗުގައި ވެސް އެތުލެޓިކޯގެ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމުގައި ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ހުށިޔާރުކަމާއެކު ދެމިހުރިއިރު، އޭނާ ވަނީ އެތުލެޓިކޯގެ ކުޅުންތެރިން ފޮނުވާލި ހަ ހަމަލާއެއް މަތަކޮށްފައެވެ. އޭގެތެރޭގައި، ފުރަތަމަ ހާފުގައި ހިލޭޖެހުމަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ވެސް ހިމެނެއެވެ. މި މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ވިނީޝަސް އެވެ.
އޮސަސޫނާގެ އެލް ސަޑަރް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބާސެލޯނާ އިންނެވެ. ބާސެލޯނާގެ މި ލަނޑުޖެހީ ނިކޮލަސް ގޮންޒާލޭޒް އެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން އޮސަސޫނާގެ ޑޭވިޑް ގާސިއާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ބާސެލޯނާ އަށް އަލުން ލީޑްނަގައިދިނީ އުމުރުން 19 އަހަރުގެ އަބްދުއްސަމަދު އެޒަލްޒޫލީ އެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް، އޮސަސޫނާ އިން އެއްވަރުކުރި ލަނޑުޖެހީ 86 ވަނަ މިނެޓުގައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ އެޒެކީލް އަވީލާ އެވެ.
