ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ކުޑަކަމުދާ ނިޒާމުގެ މައިގަނޑު ތިން ގުނަވުން ކުރެ ގުނަވަނެއްގައި ނުވަތަ ގުނަވަންތަކެއްގައި ޖަރާސީމު އަށަގަތުމެވެ. އެއީ ގުރުދާއާއި މަސާނާއާއި އަދި ކުޑަކަމުދާ ހޮޅިއެވެ. އާންމުގޮތެއްގައި ކުޑަކަމުދާނިޒާމުގެ އިންފެކްޝަން ނުވަގަ ޖަރާސީމު އަށަގަތުން ދިމާވަނީ މަސާނާއަަށް ނުވަތަ ކުޑަކަމުދާ ހޮޅިއަށެވެ. ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑީ އަންހެނުންނަށެވެ. އެހެނީ އެބައިމީހުންގެ އެ ނިޒާމު ތަރުތީބުވެފައިވާގޮތުންނެވެ. އެއީ އަންހެނުންގެ ކުޑަކަމުދާ ހޮޅި، ފިރިހެނުންނަށްވުރެ ކުރުވުމާއި އެކު އަންހެނާގެ ގުނަވަން އިންނަ ގޮތުންނެވެ. އެހެންނަމަވެސް ފިރިހެނުންނަށްވެސް މިކަން ދިމާވާލެއް މަދެއް ނޫނެވެ.
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުން ފެންނާނެ އަލާމާތްތަކެއް ޑަކްޓަރުން ފާހަގަކުރެއެވެ. އޭގެތެރޭގައި އަވަސްއަވަހަށް ކުޑަކަމު ދަވައިގަތުމާއި ކުޑަކަމުދާއިރު ދިލަނެގުން ހިމެނެއެވެ. އޭގެ އިތުރަށް ދަށްބަނޑަށް ތަދުވުމާއި އެކު ހޮޅި ހުސްކުރަން އުނދަގޫވުން ހިމެނެއެވެ. ކުޑަކަމުދާ ކޮންމެ ފަހަރަކު ކުޑަ މިންވަރެއް ދެވުމާއި އެކު ކުޑަކަމުދާ ތަކެތީގައި އާދަޔާހިލާފު ވަހެއް ހުރުމާއި އެކު އާދަޔާހިލާފު ކުލައެއް ހުރުމަކީވެސް ފެނިދާނޭ އަލާމާތެކެވެ.
މިކަން ދިމާވެދާނޭ އޮންނާނީ ދެގޮތެކެވެ. އެއީ އިސްވެ ދެންނެވުނު ތިން ގުނަވަނުން ކުރެ ކޮންމެވެސް އެއް ގުނަވަނެއްގައި، އެ ގުނަވަނަކަށް ދިމާވާ ކަމެއްގެ ސަބަބުން ޖަރާސީމު އުފެދުމެވެ. ދެވަނަ ގޮތަކީ ކުޑަކަމުދާ ހޮޅިން، ހަށިގަނޑުގެ ބޭރުގައި ހުންނަ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް ވަނުމެވެ.
މިކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނޭ ކަންތައްތަކުގެ ތެރޭގައި ގިނައިން ފެން ބުއިން ހިމެނެއެވެ. އެއާއި އެކު ކުޑަކަމު ދިޔުމަށްފަހު ރަނގަޅަށް ސާފުކުރުން މުހިންމެވެ. އަންހެންކަނބަލުން ސާފު ކުރާއިރު، މަތިން ތިރިއަށް ސާފު ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ. ދެމަފިރިކަމުގެ ގުޅުމަށް ފަހުގައި ކުޑަކަމުދިޔުމަކީވެސް މިކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ. އަދި ތަފާތު ވައްތަރުގެ ކެމިކަލް އެކުލެވޭ ސައިބޯނި ނުވަތަ ލޯޝަން ފަދައެއްޗެހި ގިނައިން އާންމުކޮށް ބޭނުން ނުކުރުމަކީ ވެސް ޖަރާސީމު އަށަގަތުމުން ދުރުކޮށްދޭނޭ ކަމެކެވެ. އެހެނީ އެފަދަ ކެމިކަލްތަކުގެ ސަބަބުން އެ ގުނަވަނުގައި ހުންނަ ފައިދާކުރަނިވި ޖަރާސީމުތައް މަރުވެ، ގެއްލުން ދެނިވި ޖަރާސީމުތައް ގިނަވުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ބައެއްފަހަރުގައި ވަރަށް ވޭން އަޅާކަމެކެވެ. ނަމަވެސް މިއީ ވަރަށް އާދައިގެ ކަންތައްތަކެއް ކޮށްލައިގެން ރައްކާތެރިކަން ހޯދިދާނޭ ބައްޔެކެވެ.
