އުރީދޫގެ "ޕީސް" ސަބްމެރިން ކޭބަލުން ކުޅުދުއްފުށި ސިޓީ އާއި ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ޤައުމަތެއް ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މި ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަރނެޓްގެ ސްޕީޑާއި، 5 ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމުގައެވެ. އިންޓަރނެޓް ބޭނުންކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރއެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހިންނަށް ފަހިކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެ ކަމަށް ނަޖީބު ޚާން ވިދާޅުވިއެވެ.

އުރީދޫއިން ބުނި ގޮތުގައި މި ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މެދުކެނޑުމެއް ނެތި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ އިންޓަނޭޝަނަލް ޑޭޓާ ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުވާނެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ އާ އީޖާދުތަކަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޮސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ ޚިޔާރުކުރީ ޑިޖިޓަލް ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިދިނުމަށާއި، ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ.

މި ސަބްމެރިން ކޭބަލް އެޅުމުން ޔޫރަޕް ގެ 15 ޤައުމުގެ އިތުރުން، ސިންގަޕޫރާއި، އިރުމަތީ އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެއެވެ. މި މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށޭނީ  2023 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އުރީދޫ އިން ބުންޏެވެ.