ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި ބޭއްވުނު ދެވަނަ ގުރުއަތުލުމަށްފަހު އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ދެކޮޅަށް ފްރާންސްގެ ޕީއެސްޖީ ކުޅެން ޖެހިއްޖެއެވެ.

މިފަހަރުގެ މުބާރާތުގެ ގުރުއަތުލުން ފުރަތަމަ ކުރިއަށްދިޔައިރު، ޕީއެސްޖީ ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ޓެކްނިކަލް މައްސަލައެއް ދިމާވެ ޔުނައިޓެޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުން އިސްވެ އަލުން ގުރުއަތުލުން ބޭއްވުމަށް ގިނަ ޓީމުތަކުން ޕްރެޝަރުކުރުމުން ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ.

އަލުން ގުރުއަތުލުން ބޭއްވުނުއިރު، ދެވަނަ ބުރުގެ އެންމެ މެޗެއް ފިޔަވާ ދެން ހުރިހާ މެޗެއް ވަނީ ބަދަލުވެފައެވެ. ބަދަލުނުވީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ފްރާންސްގެ ލޮސްކް ލިއްލެ ކުޅެން އޮތް މެޗު އެކަންޏެވެ.

ދެވަނަ ބުރުގައި އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާނެ މެޗަކަށްވާނީ ރެއާލާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗެވެ. މި މެޗު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ނިމިދިޔަ ސީޒަނުގައި ރެއާލް ދޫކޮށްލި އެ ޓީމުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް މިހާރު ކުޅެނީ ޕީއެސްޖީ އަށް ކަމަށްވުމެވެ. މީގެއިތުރުން، ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ކުރީން ބާސެލޯނާގައި ހޭދަކުރީ ދުވަސްވަރު ރެއާލް ކޮޅަށް ގިނަ ގޯލްތަކެއް ޖަހާފައިވުމާއެކު މެސީ އަށް ވެސް އެ މެޗު ހާއްސަވެއެވެ. އަދި މިފަހަރުގެ ސީޒަނަށްފަހު ރެއާލަށް ބަދަލުވާނެ ކަމަށް ބެލެވޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ މިހާރު ކުޅެމުން އަންނަނީ ޕީއެސްޖީ އަށް ކަމަށްވުމެވެ.

ދެވަނަ ފަހަރަށް ގުރުއަތުލުމުން ދިމާވި ގޮތް. --ފޮޓޯ: ގެޓީ އިމޭޖަސް

ދެން އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި އެތުލެޓިކޯއާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުނައިޓެޑް ކުޅޭ މެޗާއި، 2018/2019 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ލިވަޕޫލުން އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

2019/2020 ވަނަ އަހަރުގެ ޗެމްޕިއަން ބަޔާން މިއުނިކުން ނިކުންނާނީ މި މުބާރާތުގެ ދެވަނަ ބުރުގައި މުޅީން އަލަށް ވާދަކުރާ އޮސްޓްރިއާގެ ސަލްޒްބާގާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސްޕެއިނުގެ ވިޔަރެއާލުން އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު، ބާސެލޯނާ ކަޓުވާލުމަށްފަހު ދެވަނަ ބުރަށް ދަތުރުކުރި ޕޯޗުގަލްގެ ބެންފީކާ ނިކުންނާނީ ހޮލެންޑްގެ ގަދަބާރު އަޔެކްސް އެމްސްޓެޑަމްއާ ދެކޮޅަށެވެ.

13 އަހަރަށްފަހު މި މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަން ކުޅޭނީ އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އެވެ.

ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 15-16 އާއި 22-23 ގައެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހު ރަޝިޔާގެ ސެއިންޓް ޕީޓަސްބާގުގައި ހުންނަ ގަޒްޕްރޯމް އެރީނާގައެވެ.