އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު މެންޗެސްޓާ ސިޓީން ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. ސިޓީން މި މެޗު ކާމިޔާބުކުރީ 7-0 އިންނެވެ.
މިއީ ލީގުގައި ޖެހިޖެހިގެން ސިޓީ މޮޅުވި ހަތްވަނަ މެޗެވެ. ރޭގެ މެޗާއެކު ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވަނީ 15 ލަނޑުޖަހާފައެވެ.
ރޭގެ ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ 17 މެޗުން ހޯދީ 41 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޗެލްސީ އެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު 16 މެޗުން ލިބުނު 28 ޕޮއިންޓާއެކު ލިބިފައިވަނީ ހަތަރުވަނަ އެވެ.
އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ފިލް ފޯޑެން ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލަކީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ޖެހި 500 ވަނަ ލަނޑެވެ. ސިޓީގެ ދެވަނަ ލަނޑު، 13 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒް ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. ޑި ބްރޭނާ މި ލަނޑުޖެހީ ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި މާރޭޒް ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. ގުންޑޮގާން ކުޅެން ނިކުތީ ސިޓީގެ ޕޯޗުގީޒް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ލަނޑުޖެހީ ޑި ބްރޭނާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ގުންޑޮގާން އެވެ. މި މެޗުގައި ސިޓީން ޖެހި ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ސެންޓްރަލް ޑިފެންސްގައި ކުޅެމުންދިޔަ ނޭތަން އަކޭ އާއި ޖޯން ސްޓޯންސް އެވެ.
ލީގުގައި ރޭ އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި ނޯވިޗް ސިޓީ އަތުން 2-0 އިން މޮޅުވެ ތާވަލްގެ ނުވަވަނަ އަށް ޖެހިލާފައެވެ. މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ. ރޭގެ މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޭކޮބް ރަމްސޭ އާއި އޮލީ ވަޓްކިންސް އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ސައުތެމްޓަނާ ބައްދަލުކުރާ މެޗާއި، އާސެނަލުން އަމިއްލަ ދަނޑުގައި ވެސްޓް ހޭމާ ދެކޮޅަށް ނިކުންނަ މެޗު ހިމެނެއެވެ.
