ބާސެލޯނާ އަށް ބަދަލުވިތާ ހަ މަސް ދުވަސް ފަހުން އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދޫކޮށް މިފަހަރުގެ ސީޒަނަށް ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވީ އުމުރުން 33 އަހަރުގެ އަގުއޭރޯ ކުޅުން ހުއްޓާލީ ހިތުގެ ސީރިއަސް މައްސަލަތަކެއް ފާހަގަކުރެވުމުންނެވެ.
ބާސެލޯނާ ޓީމަށް ބަދަލުވެ ފުރަތަމަ އެގާރައިގައި އަގުއޭރޯ ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ބަދަލުކޮށްފައެވެ.
2003 ވަނަ އަހަރު އާޖެންޓީނާގެ ކްލަބް، އިންޑިޕެންޑިއޭޓް ޔޫތު ޓީމަށް ކުޅެންފެށި އަގުއޭރޯ ވަނީ ދެ އަހަރުގެ ތެރޭގައި ސީނިއާ ޓީމުން ޖާގަ ހޯދާފައެވެ. އޭގެ ނަތީޖާއެއްގެގޮތުން، ޔޫރަޕްގެ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. މިއާއެކު، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ވަނީ 21.7 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް 2006 ވަނަ އަހަރު އޭނާގެ ސޮއިހޯދާފައެވެ. އެއަށްފަހު އެތުލެޓިކޯ އަށް ބަދަލުވެ 230 މެޗު ކުޅެދީ 100 ގޯލްޖަހާފައިވާއިރު، 2006 ވަނަ އަހަރު އެ ޓީމުން ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.
އަގުއޭރޯގެ ކެރިއަރު އިތުރު ހަރުފަތަކަށްޖެހިލީ 2011 ވަނަ އަހަރު 40 މިލިއަން ޔޫރޯގެ ފީއަކަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. ސިޓީން، 44 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 2011-2012 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދި ގޯލު ޖެހި އަގުއޭރޯ ވަނީ އެ ކްލަބުގައި ހޭދަކުރީ 10 އަހަރުގެ ތެރޭގައިި ގިނަގުނަ ކާމީޔާބީތަކެއް ހާސިލްކޮށްފައެވެ. އެ ޓީމަށް ކުޅެދިން 390 މެޗުން ކާމިޔާބުކުރި 260 ގޯލާއެކު އަގުއޭރޯ އަކީ އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާ އެވެ.
އަގުއޭރޯގެ ކެރިއަރުގައި މިހާތަނަށް ކުޅުނު 786 މެޗުގައި ޖެހި ލަނޑުގެ އަދަދަކީ 427 އެވެ.
މީގެތެރެއިން، އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު 101 މެޗުގައި 41 ލަނޑުޖަހާފައިވާއިރު، އެ ޓީމުން އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނިފައިވެއެވެ.
